މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ރޭންކް ބޭނުންކުރުން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންނާއިބެހޭ މައުލޫމާތު ހިއްސާކުރުމުގައި އަދި ލިޔެކިއުން އެޑްރެސްކުރުމުގައި، އެ އޮފިސަރެއްގެ ރޭންކް ބޭނުންކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިއްޔެ އަންގައިފިއެވެ.

މިހެން އަންގާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން 18 މެއި 2016 ގައި ނެރެފައިވާ ނަންބަރު 2016/2/ސީއައިއާރް/އީއެސް -167 ސަރކިއުލަރ އިންނެވެ.

މި ސަރކިއުލަރގައި ބަޔާންކުރެވިފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ދައުލަތުގެ އެކި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކާއި މައުލޫމާތު ހިއްސާކޮށް އަދި މި ސަރވިސް ތަމްސީލްކުރުމުގެ ގޮތުން މި ސަރވިސްއިން ލިޔާ ލިޔުންތަކާއި، އެކި ފަރާތްތަކުން މި ސަރވިސްއަށް އެޑްރެސްކޮށް ފޮނުއްވާ ލިޔުންތަކުގައި މި ސަރވިސްގެ ކޮމިޝަންޑް އޮފިސަރުން (ޗީފް ޕްރިޒަންސް އޮފިސަރުން ފެށިގެން މަތީގެ އޮފިސަރުންގެ) ނަން ބޭނުންކުރާއިރު އެ އޮފިސަރުންގެ ނަމުގެ ކުރިއަށް ރޭންކު ބޭނުންކުރުމަށެވެ. މިސާލަކަށް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޢަލީ، މިފަދައިން ރޭންކާއި ނަން ބޭނުންކުރުމެވެ. އަދި ވަކި ރޮނގަކުން ހާއްސަވެފައިވާ އޮފިސަރެއްނަމަ، ރޭންކަށް ފަހު އެ އޮފިސަރެއްގެ ލަގަބު ބޭނުންކުރެވިދާނެ، މިސާލަކަށް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޑރ. އަޙްމަދު ޢަލީ، މިފަދައިން ރޭންކް، ލަގަބާއި ނަން ބޭނުންކުރުމެނެވެ.