ޖަލު ހުކުމަކީ ގައިދީންނަށް އިލްމާއި ހުނަރު އުގެނުމަށް ލިބޭ ފުރުސަތެއް – ޒުލްކިފްލި

އިއްޔެ މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-ފޮޓޯ: ސ.ސާޖަންޓް އަޙްމަދު ނަސީމް

ޖަލު ހުކުމަކީ ގައިދީންނަށް އިލްމާއި ހުނަރު އުގެނުމަށް ލިބޭ ފުރުސަތެއްކަމަށާއި ގަވާއިދަށް ހުރުމަތްތެރިކޮށްހިތާ، ޕްރިޒަން އޮފިސަރުންނަށް އެއްބާރުލުން ދިނުމަށް ގައިދީންނަށް މެލޭޝިއާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން، ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރް އިލްތިމާސް ކުރައްވައިފިއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިއްޔެ މާފުށި ޖަލުގައި، ހަތަރު ކޯހަކުން ފާސްވި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

“މެލޭޝިއާ ޕްރިޒަން ޑިޕަރޓްމަންޓާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު 2008 ން ފެށިގެން ގާތްގުޅުމެއް އޮވޭ. އަދި މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ޕްރިޒަން އޮފިސަރުން ތަމްރީންކުރުމަށް ގިނަ އަދަދެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވޭ. މެލޭޝިއާގެ ޕްރިޒަން ޑިޕަރޓްމަންޓަށްވެސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުން ދަސްކުރެވިދާނެ”. ކޮމިޝަނަރ ޖެނެރަލް ވިދާޅުވިއެވެ.

ގައިދީންނަށް މުހާތަބުކުރައްވާ ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ ހުކުމް ތަންފީޒްކުރުމުގައި ކެތްތެރިވުމަށާއި އެއީ އިސްލާހުވާން ލިބުނު ފުރުސަތެއްކަމަށެވެ. އަދި ގައިދީން ޖަލުން ނިކުންނައިރު، ރަގަޅު މީހުންނަށްވެ، ފުރިހަމަ ދިރިއުޅުމެއް އުޅުމަށް ނަމޫނާއަކަށް ވުމަށާއި ގަވާއިދަށް ހުރުމަތްތެރިކޮށްހިތާ، ޕްރިޒަން އޮފިސަރުންނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ.