ކުޑަކުދިންގެ ދުވަސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދިންނަށް އަރިސްކުރަން.

ކުޑަކުދިންނަކީ މައިންބަފައިންނަށާއި މުޖްތަމައުއަށް ހުރި ވަރަށް ބޮޑު ނިއުމަތެއް. މައިންބަފައިންގެ ތަރުބިއްޔަތާއި ޕްރީ ސްކޫލުން ފެށިގެން ކުދިންނަށް ދެވޭ ތައުލީމަކީ އެކުދިންގެ މުސްތަގްބަލަށް އެޅޭ ވަރަށް މުހިއްމު އަދި ހަރުދަނާ ބިންގަލެއް. އަދި މި ބިންގަލަކީ އެ ކުދިން ބޮޑުވެގެން އަންނަ އިރު ދިރިއުޅުން ބައްޓަންކުރުމުގައި އާއި ދާން ބޭނުންވާ މިސްރާބު ޚިޔާރު ކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބިންގަލެއް. ނަމަވެސް އަޅުގަނޑުމެންގެ މި މުޖުތަމައުގައި ޕްރީ ސްކޫލް ތަޢުލީމަށް ދެމުންއަންނަ އަހަމިއްޔަތުކަން ހިތްހަމަޖެހޭ ވަރަށްވުރެ ކުޑަ. އެހެންކަމުން އަޅުގަނޑު އެދެނީ ކުޑަކުދިންނަށް ދޭ ތަޢުލީމަކީ ޕްރީ ސްކޫލް ތަޢުލީމުން ފެށިގެން، ހަރުދަނާ ކަމާއެކު ދެމުން ގެންދާ ތަޢުލީމަކަށްވުން. އެގޮތުން ޕްރީ ސްކޫލްގައި ކިޔަވައިދޭ ޓީޗަރުންނަކީ ކަމަށް ހާއްސަ، މަތީ ކޮލިފިކޭޝަނާއި ތަޖުރިބާހުރި އަދި ހަރު އުމުރެއްގެ ޓީޗަރުންނަށް ވުމަކީ ކޮންމެހެން ލާޒިމްކަމެކެވެ.

އާންމު ގޮތެއްގައި ކުދިން ގޯސް މަގު ޚިޔާރުކޮށް ކުށުގެ ވެއްޓަށް ވަދެފައިވަނީ މައިންބަފައިންނާއި އާއިލާގެ ލޯތްބާއި ރަގަޅު ތަރުބިއްޔަތު ނުލިބޭ ކުދިންނާއި، ކުޑައިރުއްސުރެ އަޅަންޖެހޭ ފަދަ ހަރުދަނާ ބިންގަލެއް ނޭޅޭ ކުދިން. އެހެންނަމަވެސް އެކުދިންނަށް ހައްގުވާ ލޯތްބާއި ތަރުބިއްޔަތުގެ އިތުރުން ރަނގަޅު ތަޢުލީމީ ބިންގަލާއެކު ބޮޑުވާ ކުދިންނަކީ މުޖުތަމައުގައި ކާމިޔާބީ އާއި ކުރިއެރުން ހާސިލުކޮށް މި ގައުމުގެ މުސްތަގުބަލު އުޖާލާކުރާނެ ކުދިން.

އަޅުގަނޑުގެ އުންމީދަކީ ހުރިހާ ފަރާތްތަކެއްވެސް މި ގައުމުގެ މުސްތަގުބަލު ބަނަވިޔަ ނުދީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް އެ ކުދިންނަށް ލޯތްބާއި އިޙްތިރާމާއި އެކު ދިރިއުޅުމުގައި ހަރުދަނާ ބިންގަލެއް އެޅުމަށް މަސައްކަތްކުރުން.

އަޙްމަދު ޝިހާން

ކޮމިޝަނަރ އޮފް ޕްރިޒަންސް