އައްސޭރި ޖަލުގައި ބަކަރި ފާމްގެ ބިންގާ އަޅައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އައްސޭރި ޖަލުގައި ބަކަރި ފާމްގެ ބިންގާ އަޅައިފިއެވެ.

މި ފާމްގެ ބިންގާ އަޅުއްވައިދެއްވީ އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ހުސައިން އެވެ.

އައްސޭރި ޖަލުގައި ބަކަރި ގެންގުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، މިހާރު ބަކަރި ގެންގުޅެމުންދާ ކޮށީގައި ޖާގައިގެ ދަތިކަން ހުރުމުން މިމަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރިނަމަވެސް މިހާރު ބިންގާ އެޅުނު މި ފާމްގެ މަސައްކަތް ނިމުމުން މި މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ.

އައްސޭރިޖަލުގައި ބަކަރި ގެންގުޅެމުންދާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަމާޒަކީ މިމަސައްކަތް އިތުރަށް ފުޅާކޮށް، މިމަސައްކަތުގައި ގިނަ ޤައިދީންގެ ބައިވެރިވުން އިތުރުކުރުމެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުންގެ އިތުރުން އައްސޭރި ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.