ޖަލުގެ ޤައިދީންނަށް ދީނީ ކައުންސިލިންގ ދިނުމާއި ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމް ފަށައިފި

islamic

ޖަލުގެ ޤައިދީންނަށް ދީނީ ކައުންސިލިންގ ދިނުމާއި ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމް ފަށައިފިއެވެ. މިއަދު އައްސޭރިޖަލުގައި ފެށި، މި ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އޭޝިޔާ ފައުންޑޭޝަން ގުޅިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

ޖަލުތަކުގައި ޙުކުމްތަންފީޛުކުރަމުންދާ ފަރާތްތަކަށް ދީނީ ކައުންސިލިންގ ދިނުމާއި ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ވިދާޅުވީ މިދިޔަ އަހަރު ހިންގި މިފަދަ ޕްރޮގްރާމް ތަކަށްވެސް ޤައިދީންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ. އަދި މިއަހަރުވެސް އެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމުގައެވެ.  އަދި މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމަކީ ކުށްވެރިން އަނބުރާ މުޖުތަމަޢު އަށް ނުކުންނައިރު ދީނީ ކަންތައްތަކަށް ލޯހުޅުވިފައިވާ ބަޔަކަށް ހެދުމާއި މުޖުތަމަޢުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ހެޔޮ ވިސްނޭ ބަޔަކަށް ހެދުމެވެ.

މި ރަސްމިއްޔާތުގައި އޭޝިއާ ފައުންޑޭޝަންގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ ސަޢީދު ޚާލިދު ވިދާޅުވީ މި ޕްރޮގްރާމްގެ ބޭނުން ހުރިހައި ޤައިދީންވެސް ރަނގަޅު ގޮތުގައި ހިފަންވާނެކަމަށެވެ. އަދި މޫސުން ތަންދޭނަމަ މި ޕްރޮގްރާމް ޝެޑިއުލް ކޮށްފައިވާ ގޮތަށް ކުރިއަަށް ގެންދަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިގޮތުން މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އައްސޭރި ޖަލުގައާއި މާފުށީ ޖަލުގައި ތިބި ޤައިދީންނަށް އަމާޒުކޮށެވެ. މިޕްރޮގްރާމްގައި ވަކިވަކި ގްރޫޕްތަކަށް އަމާޒުކޮށްގެން ސެޝަން ހިންގުމާއި، އިންޑިވިޖުއަލް ސެޝަންތަކާއި ޖެނެރަލް ގްރޫޕް ސެޝަންތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

އަދި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތް ދުވަސްތަކުގައި ޖަލުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *