އައްސޭރި ޕްރިޒަން ކަޕް: އެން.އެކްސް ބަލިކޮށް ޗެމްޕިއަންކަން އެފް.ސީ ތުނޑު ހޯދައިފި

asseyrifinal-3-620x359

އައްސޭރި ޖަލުން އިންތިޒާމްކޮށް ހުޅުމާލެ ޑިޓެންޝަން ސެންޓަރ އާއި ގުޅިގެން ކުރިއަށްގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އެން.އެކްސް އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން އެފް.ސީ ތުނޑު ހޯދައިފިއެވެ.

އައްސޭރި ޖަލުގެ ސްޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ މެޗް އެފް.ސީ ތުނޑު ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނެތުމުން ޕެނަލްޓީ ޖަހައިގެން 4-3 ލަނޑުން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.ސީ ތުނޑުގެ ޕްރައިވެޓް އިބްރާހީމް ނިޝާޙް އެވެ. އަދި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.ސީ ތުނޑުގެ ޕްރައިވެޓް އިބްރާހިމް ހަލީމް އެވެ. އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އެން.އެކްސްގެ ލާންސް ކޯޕްރަލް ރާއިދު އަބޫބަކުރު އެވެ.

މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ އެން.އެކްސް އެވެ. އަދި ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ އެފް.ސީ ޔުނިޓީ އެވެ.

asseyrifinal-2-620x420

ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވާ ޗެމްޕިއަން ޓީމަށް ތަށި އަދި ރަންމެޑަލް ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ. ރަނަރަޕް ޓީމަށް ތަށި އަދި ރިހިމެޑަލް ޙަވާލުކޮށްދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު އާސިފް އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ޝީލްޑް އާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ އެވެ. ފެއަރޕްލޭ ޓީމަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު ޞަބާހް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ޝީލްޑާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އެސިސްޓެންޓް ޑިރެކްޓަރ ޝަހުމާ މުޙައްމަދު ވަހީދުއެވެ.

އަދި މުބާރާތުގެ ސްޕޮންސަރުންނަށާއި ރެފްރީންނާއި އޮފިޝަލުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އައްސޭރި ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ، ސަބް އިންސްޕްކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ހުސައިން އެވެ.

މި މުބާރާތަކީ އައްސޭރި ޖަލާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، ކުޅިވަރުގެ ރޫޙް އާލާކޮށް މުވައްޒަފުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްޞަދުގައި އައްސޭރިޖަލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *