ކާމިޔާބުކަމާއެކު އިންމޭޓްސް ކްރިއޭޓިވިޓީ އެގްޒިބިޝަން ނިންމާލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ “އިންމޭޓްސް ކްރިއޭޓިވިޓީ އެގްޒިބިޝަން 2015″ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި އެގްޒިބިޝަން އަކީ ޤައިދީންގެ މަސައްކަތުގެ ހުނަރު އާންމުންނަށް ދައްކާލުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. މި އެގްޒިބިޝަންގެ ސަބަބުން ޤައިދީންގެ މަސައްކަތުގެ ހުނަރު މީހުންނަށް ފެނި، އާންމުންގެ ގިނަ ތަޢުރީފު ތަކެއް ވަނީ ގައިދީންނަށާއި އެމީހުން ތައްޔާރުކޮށްފައިވާ އައިޓަމް ތަކަށް ލިބިގެން ގޮސްފައެވެ. އަދި ޤައިދީންނަކީ މަސައްކަތުގެ ހުނަރު ވަރަށް ފުރިހަމަ ބައެއްކަންވެސް މި އެގްޒިބިޝަން އަށް ޒިޔާރަތްކުރި ފަރާތްތަކުން ޤަބޫލުކުރާކަމަށް ވަނީ ބުނެފައެވެ.

އެގްޒިބިޝަން ގައި ބަހައްޓާފައިވާ އައިޓަމް ތަކުގެ ތެރެއިން 95 ޕަސެންޓް އައިޓަމް ވިކިފައިވާކަމަށް އެގްޒިބިޝަން އިންތިޒާމް ކޮމެޓީގެ ފަރާތުން ކޯޕްރަލް އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ފަރާތްތަކުން، ބައެއްކަހަލަ އައިޓަމްތައް ބޭނުންވާވަރަށް ނުލިބުމުގެ ޝަކުވާ ކޮށްފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކުރިއަށްހުރި މިފަދަ އެގްޒިބިޝަން ތަކުގައި އެ އައިޓަމްތައް އިތުރު ކުރުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެކަމަށް ކޯޕްރަލް އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

ކޯޕްރަލް އަބްދުﷲ އަމީން އިތުރަށް ވިދާޅުވީ މިފަހަރުގެ އެގްޒިބިޝަން އަށް އާންމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށާއި، މިފަހަރުގެ މި އެގްޒިބިޝަން އަށް ގާތްގަނޑަކަށް 3500 އާއި ގާތްކުރާ އަދަދަކަށް މީހުން ޒިޔާރަތް ކޮށްފައިވާކަމަށެވެ.

“މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް” ކޯޕްރަލް އަމީން ވިދާޅުވިއެވެ.

Inmates creativity exhibition2

އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ އެގްޒިބިޝަންގައި ލަކީ ޑްރޯއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ކޮންމެ ދުވަހަކު ނަސީބުވެރިއަކު ހޮވާގޮތަށް ކުރިއަށްގެންދިޔަ މި ލަކީ ޑްރޯގައި ތިން ފަރާތަކަށް ވަނީ އިނާމް ލިބިގެން ގޮސްފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ނަސީބުވެރި ފަރާތެއް ގުރުއަތުން ހޮވާފައިވާއިރު، އެފަރާތަކަށް ކޮލަމްބޯ ދެކޮޅު ޓިކެޓް ވަނީ ލިބިފައެވެ. ޓިކެޓް ސްޕޮންސަރ ކޮށްދެއްވާފައިވަނީ “ޝޯޓް ތްރޯ މޯލްޑިވްސް” އާއި “ޑީ.ޕީ.އާރ.އެސް ކޯޕަރޭޓިވް ސޮސައިޓީ” ގެ އިތުރުން “ޓާކިޝް އެއަރލައިން” ގެ ފަރާތުންނެވެ.

މިފަހަރުގެ އެގްޒިބިޝަން ކުރިއަށް ގެންގޮސްފައިވަނީ މި އެޕްރީލް މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 02:00 ން 18 ވަނަ ދުވަހުގެ ހަވީރު 06:00 އަށް ނެޝަނަލް އާޓް ގެލެރީގައެވެ.

މި އެގްޒިބިޝަން، ކާމިޔާބު އެގްޒިބިޝަން އަކަށް ހެދުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު އަދާކުރަމެވެ.

މިއަދު އެގްޒިބިޝަން ނިމުނުއިރު ބައެއް އައިޓަމްތައް ބައްލަވައިގަތް ފަރާތްތަކުން އެތަކެތި ގެންދަވާފައި ނުވާތީވެ، އެތަކެއްޗާއި ޙަވާލުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ގާޒީ ބިލްޑިންގ) އަށް ވަޑައިގަތުމަށް އިންތިޒާމް ކޮމެޓީން އެދިލައްވައެވެ.