މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަކީ ލޯ އެންފޯސްމަންޓް ދާއިރާގެ އެއް ތަނބު – ކޮމިޝަނަރ އޮފް ޕްރިޒަންސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަކީ ލޯ އެންފޯސްމަންޓް ދާއިރާގެ އެއް ތަނބު ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ ޕޮލިސް އެކަޑަމީގެ ފަރާތުން ޕްރިޒަން އެކަޑަމީ އާއި ގުޅިގެން މާފުށީ ޖަލުގައި ބޭއްވި އޭ.އެސް.އާރ ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ކޮމިޝަނަރ ވިދާޅުވީ ޕޮލިސް އެކަޑަމީ އަކީ އަބަދުވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ލޯތްބާއި އިޙްތިރާމް ލިބޭތަނެއް ކަމަށެވެ. އަދި ޕްރިޒަންސް އޮފިސަރުންގެ ޓްރެއިނިންގތައް ކުރިއަށް ގެންދިއުމަށް ޕޮލިސް އެކަޑަމީގެ ފަރާތުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޝުކުރު އަދާކުރެއްވިއެވެ.

ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޕޮލިސް އެކަޑަމީއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއްކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ކޮމިޝަނަރ ޙުސައިން ވަޙީދު މި ދެމުއައްސަސާގެ ގުޅުން ދެމެހެއްޓުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅު ފާހަގަ ކުރައްވާ، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި ޓްރެއިނިންގ ފުރިހަމަ ކުރި އޮފިސަރުންނަށް ހަނދާނީ ލިޔުން ޙަވާލުކުރުން އޮތެވެ. މި ޓްރެއިނިންގ ފުރިހަމަކުރި އޮފިސަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިގުއެވެ. އަދި މި ރަސްމިއްޔާތުގައި ޕޮލިސް އެކަޑަމީ އިން ކޮށްދެއްވާ މަސައްކަތް ފާހަގަ ކުރައްވާ އެކަމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ. އަދި މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދެއްވި މުދައްރިބުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ.

މިއަދުގެ ރަސްމިއްޔާތުގައިވެސް އަޒުމް އާކުރުން އޮތެވެ. އިސްވެ އަޒުމް ލައިދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް އެވެ.