ޖުވެނައިލް ރިހެބިލިޓޭޝަން ޕްރޮގްރާމް ގައި ބައިވެރިވުމަށް ހަތަރު އޮފިސަރުން މެލޭޝިޔާއަށް ފުރައިފި

މި މެއިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖުވެނައިލް ރިހެބިލިޓޭޝަން ޕްރޮގްރާމް ގައި ބައިވެރި ވުމަށް ހަތަރު ޕްރިޒަންސް އޮފިސަރުން ރޭ މެލޭޝިއާ އަށް ފުރައިފިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަކީ “މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް” (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ކޮންމެ އަހަރަކު ދެފަހަރު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ޖަލުތަކުގައި ބޭނުންކުރާ ސިސްޓަމްތަކާއި، ޖަލުތައް މެނޭޖްކުރާ ގޮތްތަކާއި، ގައިދީން ރިހެބިލިޓޭޓް ކުރުމަށްޓަކައި ބޭރު ގައުމުތަކުގެ ޖަލުތަކުގައި އަމަލުކުރަމުންއަންނަ ގޮތްތަކާއިބެހޭ މައުލޫމާތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ޖަލުތައް މިހާރަށްވުރެން ބޮޑަށް ހަރުދަނާ ކުރުމަށް ބޭނުން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ވެސް މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ  ކޯޕްރަލް އަހްމަދު ރިޟާ އާއި ލާންސް ކޯޕްރަލް އަބްދުލް ޣަނީ އާއި ލާންސް ކޯޕްރަލް ޝަމްވީލާ މުޙައްމަދު އާއި ލާންސް ކޯޕްރަލް ފާތުމަތު ރަޒްނާ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ޕްރިޒަންސް އޮފިސަރުން މި ތަމްރީން ފުރިހަމަކުރުމަށްފަހު ޖަލުތަކުގައި ހިންގުމަށް ބޭޭނުންވާ ތަފާތު ޕްރޮގްރާމްތައް ރާވާ، މޮޑިއުލް ތައްޔާރުކޮށް، ތަމްރީންނާއި ގުޅުންހުރި ދާއިރާތަކުގެ މައްޗަށް ބިނާކޮށް ޖަލުތަކުގައި ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރާނެއެވެ.