އެމް.ސީ.އެސް މެޑިކަލްސް އާއި އާސަންދަ ޕްރައިވެޓް ލިމިޓެޑް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ސެންޓަރާއި އާސަންދަ ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއި ކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ. އަދި އާސަންދަ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މައުމޫން އަބްދުލް ސަމަދު އެވެ.

މި އެއްބަސް ވުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ޤައިދީންނަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭސްފަރުވާގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި ވެފައިވާ އެބަސްވުމެކެވެ. އަދި މި އެއްބަސް ވުމުގެ ސަބަބުން ޤައިދީންނަށް ފޯރުކޮށްދޭންޖެހޭ ބޭސް ލުއިފަސޭހަކަމާއެކު ލިބިގެން ދާނެއެވެ.

އާސަންދަ އަކީ ދިވެހިންގެ ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި އެކުލަވާލާފައިވާ ހެލްތް އިންޝުއަރެންސް ސްކީމެކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ސެންޓަރަކީ މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީ ކޮށްގެން ޤައިދީންނަށް ބޭސްފަރުވާގެ ކަންތައް ހަމަޖައްސައިދިނުމަށް ހިންގަމުންގެންދާ ސެންޓަރެކެވެ.