މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުމުގައި ޕްރިޒަންސް އޮފިސަރުން ބައިވެރިވެއްޖެ

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަރަކާތްތައް ފާހަގަ ކުރުމަށްޓަކައި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބޭއްވި ޝަރަފުގެ ހިނގާލުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލަޝްކަރު ވަނީ ބައިވެރިވެފައެވެ. މި ހިނގާލުމުގައި މި ސަރވިސްގެ 80 އޮފިސަރުން ބައިވެރިވެފައި ވެއެވެ.

މިއީ މިހާތަނަށް މިފަދަ ކަމެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ލަޝްކަރު ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ޝަރަފުގެ ހިނގާލުމުގައި މި ސަރވިސްގެ ލަޝްކަރަށް ވަރަށްބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި ޝަރަފުވެރި ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދުވަސްވަރުގައި ޖަލު އޮފިސަރުންގެ ފަރާތުން ފެންނަމުންދާ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހުގެ ސަބަބުން މި ސަރވިސް އަށް ވަނީ ހިނިތުންވުން ގެނުވާފައެވެ. މި ސަރވިސްގެ ކޮންމެ މުވައްޒަފަކު ވަނީ މިނިވަންދުވަހުގެ ޕެރޭޑްގައި ބައިވެރިވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. އަދި ޚާއްޞަކޮށް ޑިއުޓީގައި ތިބި އޮފިސަރުންގެ ފަރާތުން ފެނިގެންދިޔަ އެކުވެރިކަމަކީ މި ސަރވިސްގެ ކުރިމަގަށް ހުޅުވިގެންދިޔަ އިތުރު ދޮރެކެވެ.

މިކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލެއްވުމަށް ނުހަނު އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ.