މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިންތިޒާމްކޮށްގެން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި، މުއައްޒަފުންނަށް މަޢުލޫމަތު ދިނުމުގެ ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައެވެ.

މިބައްދަލުވުމުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ މަގްސަދާއި، އެގާނޫނުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މިގާނޫނުގެ ދަށުން ހާމަކުރެވޭނެ މަޢުލޫމާތާއި، އަދި ހާމަނުކޮށް ހިފެހެއްޓިދާނެ މަޢުލޫމާތު އޮޅުންފިލުވާ ދެއްވިއެވެ. އަދި އިންފޮމޭޝަން އޮފިސަރުންގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތަކުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ. މިބައްދަލުވުމުގައި ބައިވެރިވި އޮފިސަރުންނާއި، މުއައްޒަފުން ކުރެއްވި ސުވާލުތަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ޖަވާބުދެއްވިއެވެ.

މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝިޔާމް އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކާއި، ސެކްޝަން ތަކުގައި މަސައްކަތް ކުރާ އޮފިސަރުންނާއި، މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި މިބައްދަލުވުމުގައި ހެޑް އޮފީހުގައި މަސައްކަތްކުރާ އޮފިސަރުންނާއި، މުއައްޒަފުންގެ އިތުރުން މާފުށީ ޖަލާއި، އައްސޭރި ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.