ޕްރިޒަންސް އޮފިސަރުން ހިންމަފުށީ ބޮޑެތި މަގުތަކުގައި މިއަދު ޕެރޭޑް ކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން މިއަދު ހަވީރު ހިންމަފުށީ ބޮޑެތި މަގުތަކުގައި ޕެރޭޑްކޮށްފިއެވެ. ޕެރޭޑް ފެށުނީ 16:30 ގައި އައްސޭރި ޖަލުންނެވެ.

މި ޕެރޭޑަކީ މިއަހަރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބޭއްވި ދެވަނަ ޕެރޭޑެވެ. ފުރަތަމަ ޕެރޭޑް ބާއްވާފައިވަނީ އިއްޔެ ހަވީރު މާފުށީ ގައެވެ. އެހެންނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުނު ރަންޔޫބީލް ހަރަކާތްތައް ފާހަގަ ކުރުމަށްޓަކައި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބޭއްވި ޝަރަފުގެ ހިނގާލުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލަޝްކަރު ވަނީ ބައިވެރިވެފައެވެ. މި ހިނގާލުމުގައި މި ސަރވިސްގެ 80 އޮފިސަރުން ބައިވެރިވެފައި ވެއެވެ.

Parade at Himmafushi 2

މިއަދު ހިންމަފުށީގައި ބޭއްވި ޕެރޭޑް ކުރިއަށްދިޔައީ އައްސޭރިޖަލުގެ ނުކުމެގެންގޮސް ރަށުގެ ބޮޑެތި މަގުތަކާއި ބަނދަރު ސަރަހައްދުގައެވެ. އަދި ޕެރޭޑް ދެތަނަކަށް ހުއްޓާ، ބޭންޑް ވަނީ ޑްރަމް ސޯލޯ ކުޅެފައެވެ.

ހިންމަފުށީގައި ބޭއްވި ޕެރޭޑް ބަލާލުމަށް ހިންމަފުށީގެ ގިނައަދަދެއްގެ ކުޑަކުދިންނާއި ބޮޑެތިމީހުން މަގުތަކަށް ނުކުމެފައި ވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މިހާރު އަންނަނީ ގައުމީ ފެންވަރުގައާއި ރަށުފެންވަރުގައި ހިންގާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވަމުންނެވެ.