މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޓީމެއް މެލޭޝިއާ ޕްރިޒަން އެކަޑަމީ އަށް “ސްޓަޑީ ޓުއަރ” އެއްގައި ފުރައިފި

1114-620x413

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޓީމެއް މިރޭ މެލޭޝިއާ ޕްރިޒަން އެކަޑަމީއަށް “ސްޓަޑީ ޓުއަރ” އެއްގައި ފުރައިފިއެވެ.

މި “ޓުއަރ” އަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ޖަލުތަކުގައި ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދާގޮތް ބެލުމާއި އެކަންކަމާއިގުޅޭ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރާ ދަތުރެކެވެ.

އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި އައްސޭރި ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ހުސައިން އާއި މާފުށީ ޖަލުން ޑެޕިއުޓީ ޑައިރެކްޓަރ އޮފެންޑަރ ސަރވިސް އެންޑް މެއިންޓެނަންސް، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން އާއި އޮފެންޑަރ ސަރވިސް ޑިޕާޓްމަންޓް ހެޑް، ސީނިއަރ ޕްރިޒަންސް އޮފިސަރ ޢަލީ މާހިރު އާއި އައްސޭރި ޖަލުގެ ޕްރޮގްރާމްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް ހެޑް، ސްޓާފް ސާޖަންޓް މުޙައްމަދު ރަމީޒް ގެ އިތުރުން ސިވިލް އޮފިސަރ މައުވާ މުޙައްމަދު ޝާފިއު ބައިވެރިވެލައްވައެވެ.

މި ދަތުރުގައި މެލޭޝިއާގެ އަންހެން ޖަލުތަކާއި ފިރިހެން ޖަލުތަކަށް ޒިޔާރަތްކޮށް އެޖަލުތަކުން ދަތުރުގެ ބައިވެރިން މަޢުލޫމާތު ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގައި މެލޭޝިއާ ޕްރިޒަން ތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ބައްލަވައި، އެކަންކަން އިމްޕްލިމެންޓް ކުރައްވަން މަސައްކަތް ކުރައްވާނެކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ވިދާޅުވިއެވެ.

މެލޭޝިއާ ޕްރިޒަން އެކަޑަމީއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ތަރައްޤީ ކުރުމަށް އެކިއެކި ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގައި، އޮފިސަރުން ތަމްރީނު ކުރުމަށް ވަރަށްބޮޑު އެހީތެރިކަމެއް ދެމުންގެންދާ ފަރާތެކެވެ.

މިދަތުރުގައި ޓިކެޓް ފިޔަވައި އެހެން ހުރިހާ ޚަރަދެއް ހަމަޖައްސަވާ ދެއްވާފައިވަނީ މެލޭޝިއާ ޕްރިޒަން އެކަޑަމީގެ ފަރާތުންނެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *