ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަނބުރާ ޖަލަށް ގެންދިޔުމަށް ރޭ ހިންގި އޮޕަރޭޝަނާގުޅޭ މައުލޫމާތު ދިނުމަށް ހޯމް މިނިސްޓްރީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަނބުރާ ޖަލަށް ގެންދިޔުމަށް ރޭ ހިންގި އޮޕަރޭޝަނާގުޅޭ މައުލޫމާތު ދިނުމަށް ހޯމް މިނިސްޓްރީގައި ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ކޮމިޝަނރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމު ވިދާޅުވީ ރައީސް ނަޝީދު އަނބުރާ ޖަލަށް ގެންދިއުމަށްޓަކައި އެމަނިކުފާނު ބަލައިދިޔަ އޮފިސަރުން ޔާގޫތުގެއަށް ދިޔައީ ގަދަ ކަމުން އެމަނިކުފާނު ޖަލަށް ގެންދިއުމަށް ނޫން ކަމަށެވެ.

އަދި ޔާގޫތުގެއަށް ގޮސް “އެމަނިކުފާނާއި ބައްދަލު ކުރަން އެދުމުން ވިދާޅުވީ 15 މިނެޓް ދެއްވުމަށް. އެކަމަކު އެގޮތަށް ބައިގަޑިއިރު ވީއިރުވެސް އަޅުގަނޑުމެންނަށް އެމަނިކުފާނާއި ބައްދަލު ވާ ގޮތެއް ނުވި. ދެން އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެންގެ ޓީމު ނުކުމެގެންދާން. އެފުރުސަތެއްވެސް އަޅުގަނޑުމެންނަކަށް ނުލިބުން.” ކަމަށާއި ފުލުހުންގެ އެހީތެރިކަމަށް އެދުނީ އެގެއިން ބޭރަށް ވެސް ނުނިކުމެވޭ ގޮތަށް އެމްސީއެސްގެ އޮފިސަރުން އެގޭތެރޭގައި “ހިސޯރު” ކުރުމުން ކަމަށާއި މި އޮޕަރޭޝަނަކީ ފުރުތަމަ ފުލުހުންނަން ދައްނަވައިގެން ހިނގި ކަމެއް ނޫން ކަމަށާއި އެކަން ކުރީ ކުރިންވެސް އަމަލު ކުރާ ގޮތަށް އާންމު އުސޫލުން ކަމަށް”  ކޮމިޝަނަރ މުޙައްމަދު ޚުޝާމް ވިދާޅުވިއެވެ.

ރައީސް ނަޝީދު ދާއިމަށް ގޭބަންދަށް ބަދަލު ކުރި ކަމަށް އަންގާ ކަރެކްޝަންސް އިން ދޫކުރި ލިޔުމެއް ކަމަށް ބުނެ ދައުރުވަމުން އަންނަ ލިޔުމާއި ގުޅޭގޮތުން ކޮމިޝަނަރ މުޙައްމަދު ޚުޝާމް ވިދާޅުވީ، އެ ލިޔުން އޮތީ ގައިދީއަކު ގޭބަންދަށް ބަދަލު ކުރުމަށް ދޫކުރާ ފޯމު އޮންނަ ފޯމެޓަށް ނޫން ކަމަށެވެ.

ގައިދީއަކު ގޭބަންދުކުރާއިރު އެ ލިޔުމުގައި ގެއިން ހަވާލުވާ ބެލެނިވެރިޔާއަށްވެސް އިގުރާރުކުރެވި އެމީހެއްގެ ސޮއި އަދި އިނގިލީގެ ނިޝާން ޖަހަން ޖެހޭނެ ކަމަށާއި ނަމަވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުމުގައި އަސްލު ލިޔުމާއި ޚިލާފް މިފަދަ އެތައްކަމެއް ހިމެނޭ ކަމަށް ވެސް ކޮމިޝަނަރ މުޙައްމަދު ޚުޝާމް ވިދާޅުވިއެވެ. މި ލިޔުމުގެ މައްސަލަ މިހާރު ތަޙްޤީގު ކުރެވެމުންދާތީ ލިޔުމާއި ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނުވާކަމަށްވެސް  ކޮމިޝަނަރ މުޙައްމަދު ޚުޝާމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޑރ. ޝައިނީ ވިދާޅުވީ ގާނޫނު އަސާސީގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ނުކޮށް އެފަދަ ލިޔުމެއް ސަރުކާރުން ދޭނެ ކަމަށް ގަބޫލު ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދު އެއްކޮށް ގޭ ބަންދުގައި ބެހެއްޓުމާ ގުޅޭ އެއްވެސް އެންގުމެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހޯމް މިނިސްޓުރީއަށް ވެސް އަދި ކަރެކްޝަނަލް ސާވިސް އަށް ވެސް އަންގަވާފައި ނުވާނެކަމަށް ވިދާޅުވިއެވެ.