ޖަލުތަކުގައި ހިންގި “ސެޓްފިކެޓް ލެވެލް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ކޯސް ނިންމި ގައިދީންނަށް ސެޓްފިކެޓް ހަވާލުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް (ސީއައިޓީއެމް) ގުޅިގެން ޖަލުތަކުގައި ތިބި ގައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ސެޓްފިކެޓް ލެވެލް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން” ކޯސް ނިންމި ގައިދީންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ގައިދީންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ހަވީރު މާފުށި ޖަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ގައިދީން ރިހެބިލިޓޭޓްކޮށް، އެމީހުންނަކީ މުޖުތަމައުއަށް ނިކުންނައިރު މަސައްކަތްތަކެއް ދަސްވެފައިވާ ބަޔަކަށް ހެދުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި މާފުށި ޖަލުގެ 99 ގައިދީއަކާއި އައްސޭރި ޖަލުގެ 45 ގައިދީއަކު ވަނީ ކޯސް ފުރިހަމަ ކޮށްފައެވެ. އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ އެގްޒެކްޓިވް ޑައިރެކްޓަރ ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ރިޒާގެ ވާހަކަފުޅުގައި މިފަދަ އެތައް ކޯސްތަކެއް ޤައިދީންނަށް އަމަޒުކޮށްގެން މިހާރުވެސް ހިންވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ލިޔެލާޖެހުމުގެ ކޯހާއި ޤްރުއާން ކިޔަވަންދަސްކޮށްދިނުމުގެ ކޯސްތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނު، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްޗެއް އުނގެނުމުގެ ދަލީލަކީ ސެޓްފިކެޓް ނޫން ކަމަށާއި، އެއްޗެއް އުނގެނުމުގެ ދަލީލަކީ އެކަން އުޅުމާއި އަހުލާގުން ދެއްކުން ކަމަށެވެ. އަދި މުޖުތަމައުއަށް ނިކުންނައިރު، އެ އަހުލާގު ދައްކަން ގައިދީންނަށް އިލްތިމާސްކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން އަލީ ގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.