އައްސޭރި ޖަލުގައި އިމާރާތްކުރާ އެކަހެރިގޭގެ ބިންގާ އަޅައިފި

އައްސޭރި ޖަލުގައި ތިބި ގައިދީންނަށް އެކަހެރި ބައްދަލުވުން ދިނުމަށްޓަކައި ދެކޮޓަރީގެ ދެ އެޕާޓްމަންޓް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަން މުޙައްމަދު ހުސައިން އެވެ.
މިއަދު ބިންގާ އެޅިގެން މިދިޔަ އިމާރާތަކީ އައްސޭރި ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން އެކަހެރި ބައްދަލުވުން ދޭންޖެހޭ ޤައިދީންނަށް އެކަހެރި ބައްދަލުވުން ދިނުމަށް މިހާރު ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ފެށުނު މަސައްކަތެކެވެ.
އަދި މިއިމާރާތުގެ ސަބަބުން އެކަހެރި ބައްދަލުވުން ދެވޭ މާހައުލަކީ ގައިދީންނާއި އާއިލާތަކަށްވެސް ހިތްހަމަޖެހޭ ފަދަ މާހައުލަކަށް ވެގެންދާނެއެވެ. މިއިމާރާތް ނިމުމުން އައްސޭރި ޖަލުގައި ތިބި ޤައިދީންނަށް ދަތިކަމެއް ނެތި ބައްދަލުވުން ދެވޭނެއެވެ.

c2

ގާތްގަނޑަކަށް އެއް މަސްދުވަހެގެ ތެރޭގައި މިއިމާރާތުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށޭނެ ކަމަށާއި މިއިމާރާތުގެ ހުރިހާ މަސައްކަތެއްވެސް ކުރާނީ އައްސޭރި ޖަލުގެ ގައިދީންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތު ދެއްވައެވެ.

އައްސޭރި ޖަލަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށް ގެންދާ ޤައިދީން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތުގެ ގިނަ މަސައްކަތްތަކެއް ހިންގަމުން ގެންދާ ޖަލެކެވެ. މިހާރުވެސް މިޖަލުގައި 200 އެއްހާ ގައިދީން ތިބިއިރު، އެގައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމުގެ ގޮތުން ތަފާތުގިނަ މަސައްކަތްތަކެއް ގައިދީންލައްވާ ކުރުވައެވެ. މިގޮތުން ދަނޑުވެރި ކަމުގެ މަސައްކަތާއި، އަތްތެރި މަސައްކަތްތަކާއި، ކުކުޅާއި ބަކަރި ގެންގުޅުމުގެ އިތުރުން ހިންމަފުށީގައި ހުންނަ ބައެއް ކުންފުނި ތަކުގައިވެސް ގައިދީންލައްވާ މަސައްކަތް ކުރުވައެވެ.