މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގަސް އިންދުމުގެ ރެކޯޑް ހަދަން ތައްޔާރުވަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެއްފަހަރާ އެންމެ ގިނަ ގަސްއިންދުމުގެ ރެކޯރޑު ހެދުމަށް ތައްޔާރުވާން ފަށައިފިއެވެ.

މި ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިސްނަގައިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދު ފެހިކުރުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއިއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޙަރަކާތުގައި  13000 (ތޭރަހާސް) ހަށްވުރެ ގިނަގަސް އިންދުމަށް ހަމަޖެހިފައިވާއިރު މިއީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަގަސް އިންދޭފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ޕްރޮގްރާމަށް ހޯދާފައިވާ ގަސްތައް މިހާރުވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ޙަވާލުކޮށްފައެވެ. ގަސް ހޯދާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް ކުރި ބުރަ މަސައްކަތުންނެވެ.

މި ޕްރޮގްރާމް ސެޕްޓެމްބަރ މަހުގެ ފަސްވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ގެންދަނީ ކުރަމުންނެވެ. އެގޮތުން ގަސްތައް އިންދުމަށްޓަކައި ވަޅުކޮނުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

މި ޕްރޮގްރާމްގައި ގަސް އިންދުމަށް ޝައުގުވެރިވާ ކްލަބް، ޖަމްޢިއްޔާތަކަށާއި އާންމުފަރުދުންނަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.