ފެހިވެހި ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ފޭސް ދޭއް ގައި ކުރިއަށް ގެންދާ ގަސްއިންދުމުގެ ޕްރޮގްރާމް އަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފެހިވެހި ޕްރޮގްރާމްގެ ދަށުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ގުޅިގެން ހުޅުމާލެ ފޭސް ދޭއް ފެހި ކުރުމުގެގޮތުން ހިންގުމަށް ހަމަޖެހިފައިވާ ރެކޯރޑް ޙަރަކާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަނީ ގާތްގަނޑަކަށް ނިމުމަކާއި ހަމައަށް އައިސްފައެވެ.

މި ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި 13000 ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގަސް އިންދުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރުދަނީ ވަމުންނެވެ. އެގޮތުން ވަޅުކޮނެ ނިމިފައިވާއިރު ވަޅުތަކަށް ބޭސް ލުމުގެ މަސައްކަތްވެސް އިއްޔެ ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މިއަދު ކުރަމުން ގެންދާ މަސައްކަތަކީ ޓެންޓް ޖެހުމާއި ވަޅުތައް ކައިރީގައި ގަސް ބެހެއްޓުމުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ކުރަމުންދަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެންމެހައި އޮފިސަރުންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބިގެންނެވެ. އަދި މި މަސައްކަތުގައި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ހީވާގި އޮފިސަރުންގެ އިސްނެގުން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވީ “މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަކީ މުޖުތަމަޢު ޤަބޫލުކުރާ އަދި މުޖުތަމަޢު އަށް ފައިދާހުރި މަސައްކަތްތަކެއް ޖަލުތަކުގެ ބޭރުންވެސް ކުރާ ބަޔަކަށް ވާންޖެހޭ” ކަމުގައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހީވާގި ކޮންމެ އޮފިސަރަކުމެ މި މަސައްކަތް ޖޯޝާއި ފޯރީގައި ކުރަމުންދާއިރު މި ސަރވިސްގެ ހީވާގި އޮފިސަރުންގެ މޫނުމަތިން ޤައުމީ އެއްބައިވަންތަކަށް ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދެއެވެ. އަދި މި މަސައްކަތުގެ ސަބަބުން އޮފިސަރުން އިތުރަށް “މޯޓިވޭޓް” ވެގެން ހިގައްޖެކަމަށް އޮފިސަރުން ފާހަގަ ކުރައްވައެވެ.

މި ޙަރަކާތް އޮންނާނީ މިއަދު ހަވީރު 16:00 ގައި ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގައެވެ.

އަދި މިމަސައްކަތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރަމެވެ.