އެމް.ސީ.އެސް އާއި އެޗް.ޑީ.ސީ ގުޅިގެން ހުޅުމާލެ ފޭސް ދޭއްގައި 13 ހާސް ގަސް އިންދައި ރެކޯރޑް ހަދައިފި

ފެހިވެހި ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ހުޅުމާލެ ފޭސް ދޭއްގައި ގަސް އިންދުމުގެ ރެކޯޑެއް ހަދައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު 16:00 ގައި ހުޅުމާލެ ދެވަނަ ފިޔަވަހި ސަރަޙައްދުގައެވެ. މި ރަސްމިއްޔާތުގައި ގަސް އިންދާފައިވަނީ 2985 ފޫޓް ދިގު 572 ފޫޓް ފުޅާ ސަރަޙައްދެއްގައެވެ.

މި ރެކޯރޑަކީ މިހާތަނަށް ހުޅުމާލެ ފޭސް 2 ގައި އެއްފަހަރާ އެންމެ ގިނަގަސް އިންދައިގެން ހެދި ރެކޯރޑެކެވެ. މި ރެކޯރޑް ހަރަކާތުގައި 13 ހާސް ގަސް ވަނީ އިންދާފައެވެ. މި ހަރަކާތް ފައްޓަވާ ދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމް އެވެ. އަދި މި ރަސްމިއްޔާތުގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮނަރަބަލް މުހުތާޒް މުހުސިން އާއި ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުޙައްމަދު އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް އިއްޒަތްތެރި މެންބަރުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައިވަނީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން އާއި ބޯޑު މެންބަރުންނެވެ.

އަދި މިރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ގިނައަދަދެއްގެ އޮފިސަރުންނާއި ހެޑް އޮފީހުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. އަދި މިރަސްމިއްޔާތުގައި ހުޅުމާލެ ގައި ހުންނަ އެކިއެކި އިދާރާތަކުގެ މުވައްޒަފުންނާއި ހުޅުމާލެ ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި ޖަލުތަކުގައި ތިބި ބައެއް ގައިދީންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ގަސް އިންދާފައެވެ.

ގަސް އިންދުމުގެ މި ހަރަކާތަކީ ފެހިވެހި ޕްރޮގްރާމް ގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހިންގި ފުރަތަމަ ޕްރޮގްރާމެވެ. މިގޮތުން ފެހިވެހި ޕްރޮގްރާމްގެދަށުން ކުރިމަގުގައިވެސް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.