“ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް” މިއަދު އިފްތިތާޙް ކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށްގެންދާ “ސަރޓިފިކޭޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް” މިއަދު އިފްތިތާޙް ކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު މާފުށީ ޖަލުގެ ލެކްޗަރ ހޯލް ގައެވެ.

މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައިވަނީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ތަޖުރިބާ ކާރު މުދައްރިބުންކަމަށް އައިކޯސްޓް އިން މަޢުލޫމާތުދެއެވެ.

އައިކޯސްޓް ގެ އެގްޒެކެޓިވް ޑައިރެކްޓަރ ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޟާ ވިދާޅުވީ މި ކޯހަކީ 17 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށާއި، އަދި މި ކޯސް ކުރިއަށް ގެންދާނީ 4 ސެމިސްޓަރއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ސެމިސްޓަރއަކީ ފިޒިކަލް އެކްޓިވިޓީތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެމިސްޓަރ ކަމަށާއި އަދި ދެވަނަ ސެމިސްޓަރގައި ތިއަރީ ކްލާސްތައް ކުރިއަށް ގެންދާއިރު ތިންވަނަ ސެމިސްޓަރގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިނީ ވޯރކް ޕްލޭސް އޮބްޒަވޭޝަން ކްލާސްތައް ކަމަށެވެ. އަދި ކޯހުގެ އެންމެ ފަހު ސެމިސްޓަރ ޑިޒައިން ކޮށްފައިވަނީ ކޯހުގެ ބައިވެރިން ކިޔެވި މާއްދާތަކުން އަމަލީ ތަޖުރިބާ ހޯދުމަށް ކަމަށް ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޟާ ވިދާޅުވިއެވެ. އެގްޒެކެޓިވް ޑައިރެކްޓަރ އިތުރަށް ވިދާޅުވީ ކޯހުގެ ހަތަރުވަނަ ސެމިސްޓަރ ގައި އަމަލީ ތަޖުރިބާ ހޯދުމަށް ފޮނުވާއިރު ކިޔަވައިދީފައިވާ މާއްދާތަކުން ވަކިވަކިން އެސެސް ކުރަމުން ގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވީ މި މަސައްކަތް ކާމިޔާބު މަސައްކަތަކަށްވީ އައިކޯސްޓް ގެ މުދައްރިބުން ކުރި ބުރަ މަސައްކަތުން ކަމަށާއި އަދި މޯލޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ މުވައްޒަފުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ވަނީ މިމަސައްކަތް ކާމިޔާބު މަސައްކަތަކަށް ހެދުމަށް އައިކޯސްޓް ގެ މުދައްރިބުންކުރި ބުރަމަސައްކަތުގެ އަގު ވަޒަން ކުރައްވައި  އައިކޯސްޓްގެ މުދައްރިބުންނަށް ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޟާ ގެ އިތުރުން ހެޑް އޮފީހުގެ އިސްވެރިންނާއި، މާފުށީ ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދު އާއި ޖަލުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.