އެމް.ކިއު.އޭ ޤަބޫލުކުރާ ފެންވަރުގެ އިތުރު ކޯސްތައް ފަރުމާ ކުރުމަށް މިދަނީ މަސައްކަތް ކުރަމުން – ސީ.ޕީ.އޯ އަޙްމަދު ރިޟާ

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިދަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ޤަބޫލުކުރާ ފެންވަރުގެ އިތުރު ކޯސްތައް ފަރުމާ ކުރަމުން ކަމަށް އައިކޯސްޓް ގެ އެގްޒެކެޓިވް ޑައިރެކްޓަރ ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޟާ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު އައިކޯސްޓް ގެ ފަރާތުން މާފުށީ ޖަލުގައި “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމް” އިފްތިތާޙް ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ ވިދާޅުވީ މިހާރު ދެން އެންމެ އަވަހަށް ކުރިއަށް ގެންދާނެ މަސައްކަތަކީ އައިކޯސްޓް ގެ ފަރާތުން ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ކިޔަވައި ދިނުމަށް ފެށުން ކަމަށެވެ. އަދި މިހާރު އެ ކޯސްތައް ފަރުމާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމުގައެވެ. އެގޮތުން ކުރިއަށް އޮތްތާންގައި މުދައްރިބުން ތަމްރީނު ކުރުމަށްވެސް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާންގައި އައިކޯސްޓްގެ ފަރާތުން ހިންގާނީ އެމް.ކިއު.އޭ ގަބޫލުކުރާ ފެންވަރުގެ ކޯސްތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި އައި ކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ ވިދާޅުވީ މި މަސައްކަތް ކާމިޔާބު މަސައްކަތަކަށް ވެގެން މި ދިޔައީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމްގެ ފަރާތުން ވެދެއްވި އެހީތެރިކަމާއި މިކަމަށް ހޭދަކޮށްދެއްވި އަގުހުރި ވަގުތު ތަކުގެ ސަބަބުން ކަމަށެވެ. އަދި އެކަމަށްޓަކައި ކޮމިޝަނަރ އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

އަދި އައިކޯސްޓްގެ މަސައްކަތް ހަރުދަނާ ކުރުމަށް އެގްޒެކެޓިވް ޑައިރެކްޓަރ ކުރައްވަމުން ގެންދަވާ މަސައްކަތުގައި އައިކޯސްޓްގެ މުދައްރިބުން ވެދެއްވާ އެހީތެރިކަމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.