ފެހިވެހި ޕްރޮގްރާމްގެ ދަށުން އެމް.ސީ.އެސް ގެ އޮފިސަރުން ހިންމަފުށި ސާފުކުރުމުގެ މަސައްކަތް ކޮށްފި

ފެހިވެހި ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން މިއަދު ހިންމަފުށީގެ ބައެއް މަގުތަކާއި ރަށުތެރޭގެ ބައެއް ހިސާބުތައް ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ.

އައްސޭރި ޖަލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި އައްސޭރި ޖަލުގެ އޮފިސަރުންނާއި، ހެޑް އޮފީހުގައި މަސައްކަތްކުރާ އޮފިސަރުންނާއި، މާލެ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންގެ އިތުރުން ހުޅުމާލެ ޑިޓެންޝަން ސެންޓަރ ގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ އޮފިސަރުންވަނީ ބައިވެރިވެފައެވެ. އަދި މި މަސައްކަތުގައި އައްސޭރި ޖަލުގެ ޤައިދީންވެސް ބައިވެރިކޮށްފައިވެއެވެ.

މިއަދުގެ މަސައްކަތުން 1464 ފޫޓް ދިގު 55 ފޫޓް ފުޅާ ސަރަހައްދެއް ވަނީ ސާފުކޮށް ނިންމާފައެވެ. މިއަދު ހެނދުނު އަށެއް ޖެހިއިރު ފެށި މަސައްކަތް ނިންމާލާފައިވަނީ މެންދުރު ދޭއްޖެހިއިރުއެވެ. މި މަސައްކަތަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ކ. ހިންމަފުށި ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

މިއަދުގެ މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަމަށް އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ހުސައިން ވަނީ ވިދާޅުވެފައެވެ. އަދި މަސައްކަތުގައި އޮފިސަރުންގެ ފަރާތުން ފެނިގެންދިޔަ ބަދަހި ގުޅުމަށް އޭ.އެސް.ޕީ މުޙައްމަދު ހުސައިން ޝުކުރު އަދާކުރެއްވިއެވެ. އަދި އޭ.އެސް.ޕީ މުޙައްމަދު ހުސައިން ވިދާޅުވީ މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ރޭވިފައި ހުރިކަމަށާއި ރައްޔިތުންގެ ލާބައަށް ކުރާ މިފަދަ މަސައްކަތްތަކުގައި އަބަދުވެސް އައްސޭރި ޖަލުން އިސްނަގައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިފަދަ ފުރުސަތެއް ދެއްވީތީ ކ. ހިންމަފުށީ ކައުންސިލަށް އޭ.އެސް.ޕީ މުޙައްމަދު ހުސައިން ޝުކުރު އަދާކުރެއްވިއެވެ.