ސްރީލަންކާއަށާއި މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ފުރާވަޑައިގެންފި

ސްރީލަންކާއަށާއި މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް މިއަދު ފުރާވަޑައިގެންފިއެވެ.

ސްރީލަންކާ އަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޒާހިޔާ ޒަރީރު އާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މެލޭޝިޔާއަށް ކުރައްވާ ދަތުރު ފުޅަކީ ޑައިރެކްޓަރ ޖެނަރަލް އޮފް މެލޭޝިޔަން ޕްރިޒަންސް، ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ގެ މި ދަތުރުފުޅުގައި މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ހިންގާ “ސެޓްފިކޭޓް އިން ހިއުމަން ޑިވެލޮޕްމެންޓް ޕްލޭން ޓުވަރޑްސް އިންމޭޓްސް” ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ހަތަރު އޮފިސަރުން މިހާރުވެސް ދަނީ ތަމްރީނު ފުރިހަމަކުރަމުންނެވެ.

އަދި މި ދަތުރުފުޅުގައި އުތުރާ ޔުނިވަރސިޓީގެ ޑީން އާއި ބައްދަލުކުރައްވާ، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) އާއި ގުޅިގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ގެ މި ދަތުރުފުޅުގައި މާފުށި ޖަލުގެ ފީމޭލް އިންމޭޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް ގެ ހެޑް، ޗީފް ޕްރިޒަންސް އޮފިސަރ އައިޝަތު ރިއުޒާއާއި އެމަޖެންސީ ސަޕޯޓް ގްރޫޕްގެ ޕްލެޓޫން ކޮމާންޑަރ، ސީނިއަރ ޕްރިޒަންސް އޮފިސަރ އިއްޒަތު ސަލީމްގެ އިތުރުން އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) ގެ ކަރެކްޝަނަލް ޓްރެއިނިންގ ޔުނިޓްގެ ހެޑް، ފަސްޓްކްލާސް ޕްރިޒަންސް އޮފިސަރ އަބްދުލް މަޖީދު ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅު ނިންމާލެވުމަށްފަހު އެބުރި މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހު ތިން ވަނަ ދުވަހުއެވެ.