ޖަލުން ފުރަތަމަ ފަހަރަށް ސެކެންޑަރީ ސްކޫލް ސެޓްފިކޭޓް (އެސް.އެސް.ސީ) އިމްތިހާނުގައި ބައިވެރިވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހިންގާ މާފުށި ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ ގައިދީންގެ ތެރެއިން 11 ފިރެހެން އަދި 5 އަންހެން ގައިދީއަކު މިއަހަރުގެ ސެކެންޑްރީ ސުކޫލް ސެޓްފިކޭޓް އިމްތިހާނުގައި ބައިވެރިވެއްޖެއެވެ.

މި އިމްތިހާނުގައި ބައިވެރިވި 16 ގައިދީންނަށް ކިޔަވައިދީ ޓެސްޓަށް ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ގުޅިގެން އިނިސްޓިޓިއުޓް އޮފް ހޮލީ ޤްރުއާން އެންޑް ސުންނަތް އިންނެވެ. ޖަލުގައި ހިންގާ ޤާރީ ކޯސްތަކާއި ދީނީ ކުލާސްތަކަކީވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި އިނިސްޓިޓިއުޓް އޮފް ހޮލީ ޤްރުއާން އެންޑް ސުންނަތް އާއި ގުޅިގެން ހިންގޭ ކުލާސްތަކެކެވެ.

7-620x467

މިއަހަރުގެ އިމްތިހާނުގައި އިސްލާމް މާއްދާގައި އެކަނި ބައިވެރިވި ކަމުގައި ވީނަމަވެސް އަންނަ އަހަރުންފެށިގެން އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގައިދީންނަށް ޤްރުއާނާއި ދީނީ ޢިލްމު ކިޔަވައިދިނުމުގައި  ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އިނިސްޓިޓިއުޓް އޮފް ހޮލީ ޤްރުއާން އެންޑް ސުންނަތްގެ ވެރިޔާ އަބްދުﷲ ސަޢީދު ޚާލިދަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ. .