މާފުށީ ޖަލުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށުމުގެގޮތުން ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

މާފުށީ ޖަލުގެ 17 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށުން ފާހަގަ ކުރުމުގެ ގޮތުން ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ ރޭ 12:00 ގައި މާފުށީ ޖަލުގައެވެ. ރަސްމިއްޔާތުގެ ކޮމާންޑަރަކަށް ހުންނެވީ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދުއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ އެވެ. ރަސްމިއްޔާތުގައި ދުވަހާ ގުޅޭ ހާއްސަ ދުއާ އެއް ކުރުން އޮތެވެ. ދުއާ ކޮށްދެއްވީ ޕްރިޒަންސް ސްޓާފް ސާޖަންޓް ހުސައިން އިމްރާން އެވެ. އަދި މި ރަސްމިއްޔާތުގައި ޕްރިޒަންސް އޮފިސަރުންނަށް އިސްވެ އަޒުމް ލައިދެއްވީވެސް ޕްރިޒަންސް ސްޓާފް ސާޖަންޓް ހުސައިން އިމްރާން އެވެ.

މި ރަސްމިއްޔާތުގައި މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) ގެ އިތުރުން އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ބައިވެރި ވެފައެވެ. އަދި މާފުށީގައި ހުންނަ ސަރުކާރު އެކި އިދާރާ ތަކުގެ ވެރިންނާއި ކައުންސިލް މެމްބަރުންވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރި ވެފައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތު ނިމިގެން ދިޔައީ ދުވަހާގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ ކޭކު ފެޅުމުންނެވެ. ކޭކު ފަޅައިދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ އެވެ.