އާންމުންނަށް ހުޅުވާލައިގެން މާފުށީ ޖަލުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ ޖަލުގެ މުވައްޒަފުންނާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް މިއަދު މާފުށީ ޖަލުގެ ލެކްޗަރ ހޯލްގައި ފަށައިފިއެވެ.

މި ޕްރޮގްރާމަކީ މާފުށީ ޖަލާއި އީ.އެސް.ޖީ އަދި މޯލްޑިވިއަން ބްލަޑް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

1-2-620x358

މިއަދުގެ ރަސްމިއްޔާތު ފައްޓަވާ ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ވިދާޅުވީ މި ޕްރޮގްރާމަކީ މާފުށީ ޖަލާއި އީ.އެސް.ޖީ އޮފިސަރުންގެ ވަރަށްބޮޑު އިސްނެގުމަކާއި އެކު ކުރިއަށް ގެންދާ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި މިކަމަކީ ވަރަށް ގިނަ މީހުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމެއް ކަމަށާއި މިފަދަ އެހީތެރިކަމެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން ދިނުމަކީ މުއައްސަސާ ކުރިއަށް ގެންދިއުމަށްވެސް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ. ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ވިދާޅުވީ މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އަދިވެސް މަސައްކަތް ކުރައްވާކަމަށެވެ.

އަދި މި ޕްރޮގްރާމްގައި ލޭހަދިޔާކުރާ ހުރިހާ ފަރާތްތަކަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ގެ ނަންފުޅުގައާއި ޑެޕިއުޓީ ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.

މިއީ މާފުށީ ޖަލުގައި ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ދެވަނަ ޕްރޮގްރާމެވެ.