މާފުށީ ޖަލާއި އީ.އެސް.ޖީގެ އޮފިސަރުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ތަކެތި ހަދިޔާ ކޮށްފި

މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) ގެ އޮފިސަރުން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރި ވުމުގެ ގޮތުން މިއަދު ތަކެތި ޙަވާލުކޮށްފިއެވެ.

މި ޕްރޮގްރާމަކީ މާފުށީ ޖަލާއި އީ.އެސް.ޖީގެ އަހަރީ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޚާއްޞަ ޕްރޮގްރާމެކެވެ.

މިތަކެތި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޙަވާލު ކޮށްދެއްވީ، މިއަދު ކ. ގުރައިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ.

އަދި މި ތަކެއްޗާއި އެ މަރުކަޒުގެ ފަރާތުން ޙަވާލުވީ އެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލް އަޙްމަދު ލިއުޝާން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ، މި މަރުކަޒުގައި ތިބި މީހުންނަކީވެސް އޯގާތެރިކަމާއި އެކު ލޯތްބާއި އަޅާލުމާއި އަދި ސަލާމަތާއި ރައްކާތެރިކަން ޙައްޤުވާ ބައެއްކަމަށްވާތީ، އެފަދަ މީހުންގެ ބޭނުންތައް އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވީވަރަކުން ފުއްދައި ދިނުން ކަމަށެވެ.

ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ވިދާޅުވީ މި ފަދަ ޙަރަކާތްތައް ކުރިއަށް އޮތްތާންގައިވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަޙްމަދު ލިއުޝާން ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ އަޅާލާނެ އެއްވެސް ބަޔަކު ނެތި މި މަރުކަޒުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބައެއް ކަމަށާއި، އެ ތަކެތި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި މަރުކަޒާއި ޙަވާލުކޮށްދެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ. ލިއުޝާން އިތުރަށް ވިދާޅުވީ މިހާރު މި މަރުކަޒުގައި 167 މީހުން ތިބި ކަމަށާއި، އޭގެތެރޭގައި ސިކުނޑި ހަމަނުޖެހޭ 128 މީހުން ތިބިކަމަށެވެ. އަދި މި މީހުން ބެލެހެއްޓުމަށް 124 މުވައްޒަފުން ޙަރަކާތްތެރި ވާކަމަށް ލިއުޝާން ވިދާޅުވިއެވެ.

ehee-5-620x413

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު ހަދިޔާ ކުރެވުނު ތަކެތީގެ ތެރޭގައި ބެޑްޝީޓް، ތުވާލި، އޯމޯ، ޝަވަރޖެލް، ގަމީހާއި ފަޓްލޫނު އަދި އަންހެނުންނަށް ބޭނުންވާ ހެދުން ފަދަ ތަކެތި ހިމެނެއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ގިނަ އަދަދެއްގެ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި މާފުށީ ޖަލާއި އީ.އެސް.ޖީގެ ގިނައަދަދެއްގެ އޮފިސަރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެފައި ވެއެވެ.

މިރަސްމިއްޔާތު ނިންމާލުމަށްފަހު ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އެކު ޕްރިޒަންސް އޮފިސަރުން ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ. އަދި އެމީހުންނަށް، ކޮންމެ އޮފިސަރަކުވެސް ފުރުޓް ޕެކެއް ހަދިޔާއަކަށް ދީފައި ވެއެވެ.