މާފުށީ ޖަލުގައި އިމާރާތްކުރި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އެކޮމޮޑޭޝަން ބްލޮކް މިއަދު ހުޅުވައިފި

މާފުށީ ޖަލުގައި އިމާރާތްކުރި އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) ގެ އެކޮމޮޑޭޝަން ބްލޮކް މިއަދު ހުޅުވައިފިއެވެ.

މި ބްލޮކް ހުޅުވައިދެއްވީ މިއަދުގެ މި ރަސްމިއްޔާތުގެ ޚާއްޞަ މެހެމާން، ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ. ކޮމިޝަނަރ ވަނީ މި އިމާރާތް ހުޅުވުމަށްފަހު އެތަނުގެ އެތެރެ ބައްލަވާލައްވާފައެވެ.

މި އެކޮމޮޑޭޝަން ބްލޮކް ސަބަބުން މިހާރު އީ.އެސް.ޖީ ގެ އޮފިސަރުންނަށް ދިމާވެފައިވާ އެކޮމޮޑޭޝަންގެ ދަތިކަން ހައްލުވެގެންދާނޭކަމަށް އީ.އެސް.ޖީގެ ކޮމާންޑިންގ އޮފިސަރ، ޗީފް ޕްރިޒަންސް އޮފިސަރ އަބްދުލް ޣަނީ ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު އެކޮމޮޑޭޝަން ބްލޮކް އިމާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މި އިމާރާތުގެ 99 ޕަސެންޓް މަސައްކަތް ތަކަކީ އީ.އެސް.ޖީ ގެ އޮފިސަރުންގެ މިންނެތް މަސައްކަތް ކަމަށެވެ. އަދި މި އިމާރާތް ހެދުމުގައި، މި މަސައްކަތުގައި އުޅުނު އޮފިސަރުންގެ ފަރާތުން ފެނިގެންދިޔަ ޖޯޝާއި ފޯރިއަކީ އީ.އެސް.ޖީ އޮފިސަރުންގެ ފޯރި މިފަދަ ކަންކަމަށްވެސް ހުރިކަމުގެ އަލިގަދަ ހެއްކެއް ކަމަށް ވިދާޅުވިއެވެ. އަދި އީ.އެސް.ޖީ ގެ އޮފިސަރުންނަކީ އަބަދުވެސް ޖަލުތަކުގެ އޮފިސަރުންނަށް ނަމޫނާ ބައެއްކަމަށް ވިދާޅުވިއެވެ.

މިއަދު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައިވަނީ އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތުގައި އަމަލީގޮތުންނާއި އަދި އެހެނިހެންވެސް ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ. މި ހަނދާނީ ލިޔުން ބައްސަވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ. އަދި މި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަށް އަހަރު ތެރޭގައި ޖަލުތެރޭގެ އެކިއެކި ހަމަނުޖެހުން ތަކުގައި އަނިޔާ ލިބިފައިވާ އޮފިސަރުންނަށާއި އީ.އެސް.ޖީ އަށް ރީތިނަން ހޯއްދަވާދެއްވި އޮފިސަރުންނަށް ވަނީ އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި އީ.އެސް.ޖީ ގެ ކޮމާންޑިންގ އޮފިސަރ، ޗީފް ޕްރިޒަންސް އޮފިސަރ އަބްދުލް ޣަނީ ވަނީ ފާއިތުވެދިޔަ އަށް އަހަރު ތެރޭގައި އީ.އެސް.ޖީ އަށް އެކިގޮތްގޮތުން އަގުނުކުރެވޭ ފަދަ ޚިދުމަތް ކުރެއްވި ފަރާތްތަކުގެ ހަނދާން އާކޮށް، އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ޙަސަން ޒިލާލް އާއި ހެޑް އޮފީހާއި ޖަލުތަކުގެ އިސްވެރިން ނާއި މާފުށީ ޖަލާއި އީ.އެސް.ޖީ ގެ ގިނައަދަދެއްގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ.