އެކޮމޮޑޭޝަންގެ މައްސަލައަކީ މުވައްޒަފުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ — ކޮމިޝަނަރ އޮފް ޕްރިޒަންސް

މުވައްޒަފުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ޖަލުތަކުގައި ތިބި މުވައްޒަފުންނަށް ރަނގަޅު އެކޮމޮޑޭޝަންއެއް ނެތުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) ގެ އައު އެކޮމޮޑޭޝަން ބްލޮކް ހުޅުއްވައި ދެއްވުމަށް މާފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅު ގައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އިތުރަށް ވިދާޅުވީ ކުޑަ މުއްދަތެއްގެ ތެރޭގައި ޖަލުތަކުގެ މުވައްޒަފުންނަށް ދިމާވެފައިވާ މި މައްސަލަ ޙައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ބެރެކްސްތައް ޒަމާނާއި އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރެއްވުމަށް މިހާރުވެސް ޙާއްސަ ސަމާލުކަމެއް ދެއްވާކަމަށެވެ.

އީ.އެސް.ޖީގެ އެކޮމޮޑޭޝަން ބްލޮކަކީ 58 އޮފިސަރުންނަށް އެކޮމޮޑޭޓް ކުރެވޭގޮތަށް ތައްޔާރު ކުރެވިފައިވާ އިމާރާތެކެވެ. އަދި މި އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ކުރައްވާފައިވަނީ އީ.އެސް.ޖީ ގެ ކޮމާންޑިންގ އޮފިސަރ ގެ ބެއްލެވުމުގެ ދަށުން އީ.އެސް.ޖީ ގެ އޮފިސަރުންނެވެ.