މާފުށީ ޖަލުގައި ޤާރީ ލެވެލްގެ ހަތަރުވަނަ ކޯސް ފަށައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ފަރާތުން މާފުށީ ޖަލުގައި ޤާރީ ލެވެލް ގެ ހަތަރުވަނަ ކޯސް ފަށައިފިއެވެ.

މި ކޯހަކީ އައިކޯސްޓް އާއި އިންސްޓިޓިއުޓް އޮފް ޤްރުއާން އެންޑް ސުންނަ އާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހަކީ ޖަލުގައި ތިބި ޤައިދީންގެ ތެރެއިން، ޤުރުއާން ކިޔަވައިދޭން ދަސްކޮށް ދިނުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ކޯސްތަކެއްކަމަށް އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން މައުލޫމާތު ދެއްވިއެވެ.

މި ކޯހަކީ ދެމަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯހުގައި ބައިވެރި ވެފައިވަނީ ޖުމްލަ 42 ޤައިދީންނެވެ. އެއީ ފިރިހެން 36 ޤައިދީންނާއި އަންހެން ހަ ޤައިދީންނެވެ.

ޤައިދީން އަނބުރާ ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް ނެރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކަށް އިންސްޓިޓިއުޓް އޮފް ޤްރުއާން އެންޑް ސުންނަ ގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުން ދާކަމަށް އަައިކޯސްޓް އިން މަޢުލޫމާތު ދެއެވެ.