ވާދަވެރި ކުޅުމަކަށް ފަހު މުބާރާތުގެ ފުރަތަމަ މެޗް ކާމިޔާބުކުރީ އެފް.ސީ ޑެލްޓާ

އެސްކޮޓް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް މިރޭ 3 – 2 އިން ޓީމް އެސްކޮޓް ބަލިކުރުމަށްފަހު އެފް.ސީ ޑެލްޓާ ކުރިހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ލަނޑުޖަހައި މެޗްގެ ލީޑް ނެގީ ޓީމް އެސްކޮޓް އެވެ. ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ ފަސްވަނަ މިނިޓްގައި ޓީމް އެސްކޮޓްގެ ޖާޒީނަންބަރ 5، އަލީ ޒަމީލް އެވެ. އަދި މެޗްގެ 15 ވަނަ މިނިޓްގައި އެފްސީ ޑެލްޓާގެ ލަނޑު  އެޓީމްގެ ޖާޒީ ނަންބަރ 23، އަލީ ސަފާހް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.

ޓީމް އެސްކޮޓްގެ ކުޅުން ރަނގަޅުކޮށް އެފްސީ ޑެލްޓާގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާ ތަކެއް ފޮނުވަން ފެށިއެވެ. ނަތީޖާއަކަށްވީ އިތުރު ލަނޑެއް ޖަހައި އަނެއްކާވެސް މެޗްގެ ލީޑް އެސްކޮޓް ޓީމުން ނެގިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީވެސް ޓީމް އެސްކޮޓްގެ ޖާޒީނަންބަރ 5، އަލީ ޒަމީލް އެވެ.

އެސްކޮޓް ޓީމް ދެވަނަ ފަހަރަށް ލީޑް ނެގުމުން، އެސްކޮޓް ޓީމުގެ ގޯލަށް ގިނަ ޙަމަލާތަކެއް ޑެލްޓާ ޓީމުން ފޮނުވާލުމުގެ ނަތީޖާއެއްގެގޮތުން ޑެލްޓާގެ ދެވަނަ ގޯލް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ދެވަނަފަހަރަށް ހަމަހަމަ ކުރިއެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ މެޗްގެ 34 ވަނަ މިނިޓްގައި ޑެލްޓާ ޓީމްގެ ޖާޒީނަންބަރ 7 މުހައްމަދު އަޒްލީން އެވެ. އަދި ޑެލްޓާގެ ދެވަނަ ލަނޑަށްފަހު 35 ވަނަ މިނިޓްގައި އެޓީމްގެ ޖާޒީނަންބަރ 69 މުހައްމަދު ރާޝިދު އެޓީމަށް ލީޑު ނަގައިދިނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ޑެލްޓާގެ ޖާޒީ ނަންބަރ 10 މޫމިން އެވެ. މޫމިން ވަނީ މި މެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ.