އައްސޭރި ޖަލުގެ އޮފީސް އިމާރާތާއި އެޖަލުގައި ގާއިމު ކުރެވުނު ފެންޕްލާންޓް ހައުސް ހުޅުވުމާއި ޖަލުތަކުގައި އާސަންދަގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ހިންމަފުށި އައްސޭރި ޖަލުގެ އޮފީސް އިމާރާތާއި އެޖަލުގައި ގާއިމު ކުރެވުނު ފެންޕްލާންޓް ހައުސް ހުޅުވުމާއި ޖަލުތަކުގައި އާސަންދައިގެ ޚިދުމަތް ދިނުން ރަސްމީކޮށް މިއަދު ފަށައިފިއެވެ.

އައްސޭރި ޖަލުގައި މިއަދު މެންދުރުފަހު 14:00 ގައި ބޭއްވުނު ރަސްމިއްޔާތުގައި އައްސޭރި ޖަލު އޮފީސް ހުޅުވުމާއި ޕްލާންޓް ހައުސް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި އާސަންދައިގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވެވީވެސް ކޮމިޝަނަރ މުޙައްމަދު ޚުޝާމުއެވެ.

އައްސޭރި ޖަލުގައި ގާއިމުކުރެވިގެން ދިޔަ ފެންޕްލާންޓުގެ ސަބަބުން ޖަލުގައި މަސައްކުރައްވާ އޮފިސަރުންނަށާއި ޖަލުގައި ޙުކުމް ތަންފީޛް ކުރަމުންދާ ގައިދީންނަށާއި އައްސޭރިޖަލުގައި ކުރަމުންގެންދާ ދަނޑުވެރިކަމުގެ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ ކުރިން އައްސޭރި ޖަލަށް ފެންފޯރުކޮށްދެމުން ގޮސްފައިވަނީ ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ޙަވާލުކޮށްގެންނެވެ. އެގޮތަށް ފެން ސަޕްލައިކުރުމުގައި މޫސުން ގޯސްވެގެންނާއި އެކިއެކު މައްސަލަ ދިމާވެގެން ފެނުގެ ދަތިކަން ވަރަށް ބޮޑަށް އިހުސާސް ކުރަންޖެހިފައިވީނަމަވެސް މި ޕްލާންޓުގެ ސަބަބުން މިކަމަށް ހައްލު ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމު ވިދާޅުވިގޮތުގައި އައްސޭރި ޖަލުގެ އޮފީސް އިމާރާތްކުރުމުގައި އާއި ޕްލާންޓްހައުސް އިމާރާތްކުރުމުގައި ދައުލަތުގެ ބަޖެޓަށް ވަރަށްބޮޑަށް ލުއިކަމެއް ލިބިގެން ގޮސްފައި ވެއެވެ. އެއީ “ޖަލުގައި ތިބި ޤައިދީންނަށް މަސައްކަތް ދަސްކޮށްދީ، އެމީހުންލައްވާ މަސައްކަތް ކުރުވައިގެން ދައުލަތުގެ ބަޖެޓަށް ލުއިހޯދާދިނުމަށް” ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމު ވިދާޅުވަމުންގެންދަވާ މޮޓޯއާއި އެއްގޮތަށް ކުރެވިފައިވާ މަސައްކަތަކަށް ވާތީއެވެ.

އައްސޭރި ޖަލުގެ އޮފީސް އިމާރާތާއި ޕްލާންޓްހައުސް އިމާރާތް ކޮށްފައިވަނީ އައްސޭރި ޖަލުގެ މުވައްޒަފުންނާއި ގައިދީންގެ އަމިއްލަ މަސައްކަތުންކަމަށް ވާތީ ދައުލަތުގެ ބަޖެޓުން ކުރަންޖެހުނު ހޭދަ އެތަށްގުނައެއް ކުޑަވިކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި  އެމަސައްކަތުގައި ބައިވެރިވެލެއްވި ހުރިހާ އޮފިސަރުންނާއި ގައިދީންގެ އިތުރުން އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން އާއި ޑެޕިއުޓީ ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ޖާދުﷲ އަށް، ކޮމިޝަނަރ ޝުކުރު އަދާކުރެއްވިއެވެ.

Cert1 Cert2 Cert3

މިއަދުގެ ރަސްމިއްޔާތުގައި ވަނީ، އައްސޭރި ޖަލުގެ އޮފީސް އިމާރާތާއި ޕްލާންޓް ހައުސްގެ މަސައްކަތް ކޮށްދެއްވި އޮފިސަރުންނާއި ގައިދީންނަށް އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ އިސްވެރިންނާއި އޮފިސަރުންގެ އިތުރުން މާފުށިޖަލާއި އިމަޖެންސީ ސަޕޯޓް ގުރޫޕާއި މާލެޖަލާއި، ހުޅުމާލެ ޑިޓެންޝަން ސެންޓަރާއި، ހެޑްއޮފީހުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.