އައްސޭރި ޖަލުގެ އަހަރީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

އައްސޭރި ޖަލުގެ ހަތްވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު އައްސޭރި ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ވިދާޅުވީ، މި ޖަލު ވުޖޫދުވެގެން އައި ދުވަސްވަރު ޖަލުގެ ކަންތައްތައް ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިހާލުގައި ކަމަށާއި، އެހެންނަމަވެސް ޖަލުގެ ކަންތައްތައް ރަނގަޅުކުރުމަށް ހުރިހާ އޮފިސަރުން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާކަމަށެވެ. އަދި މި ޖަލު ހިންގުމަށް އެކި ދުވަސްވަރު ޙަވާލުވި ޑައިރެކްޓަރުން ވަރަށް ދަތި ހާލުގައިވެސް ވަޒީފާގެ މަސްޢޫލިއްޔަތު އަދާ ކުރެއްވުމުގައި ފަސްޖެހުމެއްނެތި މަސައްކަތް ކުރައްވާފައިވާކަމަށެވެ. އެގޮތުން ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު އަށާއި ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން އަލީ އަށާއި ޗީފް ޕްރިޒަންސް އޮފިސަރ އަބްދުލް ޤާދިރުއަށް ޑީ.ސީ.ޕީ ޙަސަން ޒިލާލް ޝުކުރު އަދާކުރެއްވިއެވެ.

އަދި މީގެ އިތުރުން ޖަލު އުފެދިގެން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަރަށް ތަފްޞީލްކޮށް ޑީ.ސީ.ޕީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ ވަނީ އައްސޭރި ޖަލުގެ އެންމެހާ އޮފިސަރުންނަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ގެ ނަންފުޅުގައާއި ޑެޕިއުޓީ ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާ ކުރައްވާފައެވެ.

މި ރަސްމިއްޔާތު ނިމިގެންދިޔައީ އޮފިސަރުންގެ އަޒުމް ކިއުމުންނެވެ. އިސްވެ އަޒުމް ލައިދެއްވީ އައްސޭރި ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ޖާދުﷲ އެވެ.

މި ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ ޑައިރެކްޓަރ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން އާއި މާލޭ ޖަލުގެ ޑައިރެކްޓަރ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު އާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރ ގެ ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ އިސްމާއިލް ނަސީރު އާއި ހެޑް އޮފީހުގެ އިސްވެރިންނާއި ޖަލުތަކުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން އައްސޭރިޖަލުގެ ގިނައަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.

ރަސްމިއްޔާތު ނިމިގެންދިޔައީ އައްސޭރި ޖަލުގެ ހަތްވަނަ އަހަރީ ދުވަހަށް ތައްޔާރުކޮށްފައިވާ ކޭކް ފެޅުމުންނެވެ. ކޭކް ފެޅުމުގައި ރަސްމިއްޔާތަށް ވަޑައިގެންނެވި އެންމެހާ ބޭފުޅުން ބައިވެރިވެލެއްވިއެވެ.