އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އިން ފިޒިކަލް ޓެސްޓް ގެ އެސެސަރުންނަށް ލައިސަންސް ދީފި

ފިޒިކަލް ޓެސްޓްގެ އެސެސަރުން ގެ ގޮތުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް އެކަމުގެ ލައިސަންސް ދީފިއެވެ. ލައިސެންސް ދީފައިވަނީ ރޭ މާފުށީ ޖަލުގައި، ލައިސެންސް ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ލައިސެންސް ޙަވާލުކޮށްދެއްވީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޒާ އެވެ.

މި ލައިސެންސަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުންގެ މެދުގައި ކޮންމެ ހަ މަހަކުން ޖަހަމުން ގެންދާ ފިޒިކަލް ޓެސްޓް އެސެސް ކުރުމުގައި ޙަރަކާތްތެރިވާ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު، ފާސްވާ ފަރާތްތަކަށް އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ދޭ ލައިސަންސެކެވެ.

މި ރަސްމިއްޔާތުގައި ޖުމްލަ 43 އޮފިސަރުންނަށް ވަނީ ލައިސަންސް ޙަވާލުކޮށްފައެވެ. އެގޮތުން މާފުށީ ޖަލުން އަށް އޮފިސަރުންނާއި މާލޭ ޖަލުން އަށް އޮފިސަރުންނާއި އިމަޖެންސީ ސަޕޯޓް ގްރޫޕް އިން ހަ އޮފިސަރުންނާއި އައްސޭރި ޖަލުން ފަސް އޮފިސަރުންނާއި އައިކޯސްޓް އިން 19 އޮފިސަރުންގެ އިތުރުން އެޗް.ޑީ.ސީ އިން އޮފިސަރަކަށް މި ރަސްމިއްޔާތުގައި ވަނީ ލައިސަންސް ޙަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ހުރިހާ މުދައްރިބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތު ނިމުމަށްފަހު އެސެސަރުންގެ އުސޫލުތަކާއި ޒިންމާތައް އެމީހުންނަށް ކިޔައިދިނުމަށްފަހު އެ ލިޔުމުގައި ސޮއިކުރުން އޮތެވެ.