މާލޭ ޖަލުގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

މާލޭ ޖަލުގެ އަށްވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މާލޭ ޖަލުގެ ޚިދުމަތުގެ އަށްވަނަ އަހަރުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 06:00 ގައި މާލޭ ޖަލުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމް އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމް ވަނީ މާލޭ ޖަލު އުފެދިގެން އައިގޮތުގެމައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކޮމިޝަނަރ ވިދާޅުވީ އޭރު މާލޭ ޖަލުގައި މީހުން ބަންދުކުރެވޭނެ ޖާގަ ނެތްކަމަށާއި އަދި މީހުންގެ ޝަކުވާ އެހާމެ ބޮޑުކަމަށެވެ. އެހެންނަމަވެސް އޭރު ޑީ.ޕީ.އާރ.އެސް ހިންގެވުމާ ހަވާލުވެ ހުންނެވި ޑައިރެކްޓަރ ގެ މަސައްކަތްޕުޅާއެކު މިހާރު ބޭނުންކުރާ ޖަލުގެ މަސައްކަތް ފެށިގެން ދިޔައީކަމަށެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި މާލޭ ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު އާއި ހެޑް އޮފީހާއި ޖަލުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޕްރިޒަންސް އޮފިސަރުންގެ އަޒުމް ކިޔުން އޮތެވެ. އިސްވެ އަޒުމް ލައިދެއްވީ ޗީފް ޕްރިޒަންސް އޮފިސަރ އިބްރާހީމް އަފީފް އެވެ.

ރަސްމިއްޔާތު ނިމިގެންދިޔައީ މާލޭ ޖަލުގެ އަށްވަނަ އަހަރީ ދުވަހަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ ކޭކު ފެޅުމުންނެވެ. ކޭކު ފެޅުމުގައި ކޮމިޝަނަރ އާއި ޑެޕިއުޓީ ކޮމިޝަނަރ އާއި މާލޭ ޖަލުގެ ޑައިރެކްޓަރގެ އިތުރުން މާލޭ ޖަލުގެ ހުރިހާ އޮފިސަރުން ބައިވެރިވިއެވެ.