މިއީ ކުރަން އުނދަގޫ، އެހެންނަމަވެސް ކުރަން މުހިންމު މަސައްކަތެއް — ކޮމިޝަނަރ އޮފް ޕްރިޒަންސް

މިއަދު ކުރެވެމުން މިދާ މަސައްކަތަކީ ކުރަން އުނދަގޫ އެހެންނަމަވެސް ކުރަން މުހިންމު މަސައްކަތެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވެއެޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މާފުށީ ޖަލުގައި ކުރިއަށްދާ “އެކްޝަން ޕްލޭން 2016 ރިވިއު ފޯރަމް” ގެ މެންދުރު ފަހުގެ ދަންފަޅި ފައްޓަވައި ދެއްވަމުންނެވެ.

ކޮމިޝަނަރ ވިދާޅުވީ މިއަދު ކުރެވެމުން މިދާ މަސައްކަތަކީ ތާރީޚީ މަސައްކަތެއް ކަމަށާއި، މި މަސައްކަތުގެ ސަބަބުން މުއައްސަސާގެ ދުވެލި އިތުރަށް ބާރުވެގެން ދާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މި މުއައްސަސާގެ ހުރިހާ އޮފިސަރުން މިކަމުުގައި ބައިިވެރި ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ރަނގަޅު ޕްލޭންއެއް ހެދުމަކީ އެހާފަސޭހަ ކަމަކަށް ނުވާނެކަމަށާއި، އެހެންނަމަވެސް އެކުލަވާލެވިފައިވާ ޕްލޭންއަކަށް އަމަލު ކުރުމަކީ ފަސޭހަ ކަމަކަށް ވާނެ ކަމަށެވެ.

މި ފޯރަމް ގެ މަޤްސަދަކީ  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކާއި އެކި ޑިވިޝަންތަކާއި، ޑިޕާޓްމަންޓް ތަކުން 2016 ވަނަ އަހަރަށް ކުރަން ރާވާފައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ  2016  ވަނަ އަހަރުގެ އެކްޝަން ޕްލޭން އެކުލަވާލުމެވެ. ފޯރަމްގެ ބައްދަލުވުންތައް ކުރިއަށް ދާނީ ދެދުވަހުގެ މުއްދަތަށެވެ.