ވަޒީފާގައި އުޅޭ ގައިދީންނަށް އައު ޔުނީފޯމް ތަޢާރަފް ކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ގައިދީންގެ ތެރެއިން ވަޒީފާގައި އުޅޭ ގައިދީންނަށް އައު ޔުނީފޯމެއް ތަޢާރަފްކޮށް މިއަދު ބޭނުންކުރަން ފަށައިފިއެވެ.

އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން ވިދާޅުވީ މި ތަޢާރަފް ކުރި ޔުނީފޯމަކީ މަސައްކަތުގައި އުޅޭ ގައިދީންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވިސްނައިގެން މަސައްކަތުގައި އުޅުމަށް ފަސޭހަވާނޭހެން ޑިޒައިން ކުރެވިފައިވާ ޔުނީފޯމެއްކަމަށެވެ. އަދި މީގެ އިތުރުން މި ޔުނީފޯރމްގެ ސަބަބުން ގައިދީން ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް އޮފިސަރުންނަށް ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ބޭނުންކުރަން ފެށި ޔުނީފޯމުގެ ކުލައަކީ ދުނިޔޭގެ އެހެން ޖަލުތަކުގައިވެސް ބޭނުންކުރާ ފަދައިން އޮރެންޖް ކުލައެވެ.

ކުރިއަށް އޮތްތަނުގައި ޖަލުގެ އެތެރޭގައި ތިބޭ ގައިދީންނަށްވެސް ޔުނީފޯމް ތަޢާރަފް ކުރެވިގެންދާނެއެވެ. ނަމަވެސް އެ ޔުނީފޯމަކީ މިއަދު ތަޢާރަފް ކުރެވުނު ޔުނީފޯމާއި ތަފާތު ޔުނީފޯމެކެވެ.