ގައިދީން ހޯދި ނަތީޖާތަކަކީ ރަނގަޅު ނަތީޖާ ތަކެއް – މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ޖަލުތަކުގައި ހުކުމް ތަންފީޛްކުރަމުންދާ ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބައިވެރިވި އެސް.އެސް.ސީ އިމްތާހާނުގެ ނަތީޖާ އަކީ ވަރަށް ރަނގަޅު ނަތީޖާތަކެއް ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހާމަކޮށްފިއެވެ.

އެއްއަހަރު ދުވަހުގެ މުއްދަތަށް ހިންގާފައިވާ ކްލާސްތައް ފުރިހަމަކޮށް އިމްތިހާނުގައި ބައިވެރިވެ، 16 ގައިދީންވަނީ ފަސް “ބީ” އާއި ނުވަ “ސީ” އަދި ދެ “ޑީ” ފާސް ހޯދާފައެވެ.

ހިންގާފައިވާ ކްލާސް ތަކުގައި ކިޔަވައިދީފައިވަނީ ސެކަންޑަރީ ކޮންމެ ގްރޭޑެއް ތިން މަސްދުވަހަށް ބަހާލައިގެންނެވެ. އެގޮތުން ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ގްރޭޑް އަށެއްގެ އިސްލާމް މާއްދާ ކިޔަވައިދީފައިވާއިރު އެޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވަނީ ގްރޭޑް ނުވައެއްގެ އިސްލާމް މާއްދާ ކިޔަވައިދީފައެވެ. އަދި ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ގްރޭޑް 10 ގެ މާއްދާ ވަނީ ކިޔަވައިދީފައެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޟާ ވިދާޅުވީ މި ލިބުނު ނަތީޖާއިން ހިތްވަރު ލިބިގެން މިއަހަރު އިތުރު ގައިދީން ކިޔެވުމުގެ މަސައްކަތަށް ނުކުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި މިއީ ގައިދީން ރިހެބިލިޓޭޓް ކުރުމަށް އިތުރު މަސައްކަތް ކުރަން ލިބުނު ހިތްވަރެއް ކަމަށެވެ.

މިއަހަރު އިސްލާމް މާއްދާގެ އިތުރުން ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާގައި ގައިދީން ބައިވެރި ކުރުމުގެ މަސައްކަތް މިހާރު އައިކޯސްޓުން ވަނީ ފަށާފައެވެ.