އައްސޭރި ޖަލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތުދިނުން މިރޭ ބާއްވައިފި

އައްސޭރި ޖަލުގެ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުން މިރޭ ކ. ހިންމަފުށީ ގައި ބާއްވައިފިއެވެ.

މިރޭ 20:30 އިން 22:00 އަށް ކ. ހިންމަފުށީ ސްޓޭޖް ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކ. ހިންމަފުށީ ކައުންސިލާއި، ސްކޫލާއި، އަމިއްލަ ކުންފުނި ތަކުންނާއި ބައެއް އާންމުން ބައިވެރިވެފައި ވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވިއަން ބްލަޑް ޑޯނާސް އާއި އޭ.ޑީ.ކޭ ހޮސްޕިޓަލް ގުޅިގެންކަމަށް އައްސޭރިޖަލުން މައުލޫމާތު ދެއްވައެވެ.

އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ހުސައިން ވިދާޅުވީ ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މޯލްޑިވިއަން ބްލަޑް ޑޯނާސް އާއި މޯލްޑިވިއަން ބްލަޑް ސަރވިސްގެ އިތުރުން އޭޑީކޭ ގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.

ލޭ ދިނުމުގެ މި ޕްރޮގްރާމަކީ ޖުމްލަކޮށް މުޅި ރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. އެހެންކަމުން ހިންމަފުށީ ސްކޫލްގެ ރިހިޔޫބީލް ހަރަކާތް ތަކާއި ގުޅިގެން އައްސޭރި ޖަލުން ކުރިއަށް ގެންދިއުމަށް ރަވާފައިވާ ލޭ ދިނުމުގެ ޕްރޮގްރާމްގައި އެ ސްކޫލުން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ވެސް އައްސޭރި ޖަލުން މަޢުލޫމާތު ދެއްވައެވެ. ލޭ ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކ. ހިންމަފުށީ ސިއްޙީ މަރުކަޒުގައެވެ.