ޤައިދީންނަށް “ކޮމްޕިއުޓަރ އޮފީސް ޕެކޭޖް ލެވެލް 2″ ގެ ކޯސް ފަށައިފި

އިނިސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް ( އައިކޯސްޓް ) އާއި ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (ސީ.އައި.ޓީ.އެމް) ގުޅިގެން މާފުށީ ޖަލުގެ ޤައިދީންނަށް “ކޮމްޕިއުޓަރ އޮފީސް ޕެކޭޖް ލެވެލް 2″ މިއަދު ފަށައިފިއެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި އެސިސްޓެންޓް ސްޕްރިންޓެންޑެންޓް ޢަބްދުﷲ އަމީން ވިދާޅުވީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ ގައިދީންނަށް ޖަލުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު މިއަދު ފަހިވެފައިވާ ކަމަށެވެ. އެގޮތުން މިއަދު މި ފެށުނު ކޯހަކީވެސް މިދެންނެވި ފަދަ ކޯހެއް ކަމަށެވެ. އަދި މިފަދައިން ލިބޭ ފުރުސަތުގެ ބޭނުން ހުރިހާ ގައިދީންވެސް ހެޔޮގޮތުގައި ހިފުމަށް އެދިލެއްވިއެވެ.

މިއަދު ފެށުނު “ކޮމްޕިއުޓަރ އޮފީސް ޕެކޭޖް ލެވެލް 2″ ގައި ބައިވެރި ކުރެވިފައިވަނީ ނިމިގެން ދިޔަ އަހަރު ހިންގި ލެވަލް 1 ގެ ކޯސް ނިންމާ ސެޓްފިކޭޓް ހާސިލްކޮށްފައިވާ ގައިދީންނެވެ. މި ގޮތުން މި ކޯހުގައި 20 ގައިދީއަކު ބައިވެރި ކުރެވިފާވާއިރު ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެން ކޮންމެ ކުލާހެއްގައި ދިހަ ބައިވެރިން ހިމެނޭ ގޮތަށެވެ. މި ކޯހަކީ ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގޭ ކޯހެކެވެ.

އައިކޯސްޓްގެ އެގްޒެކްޓިވް ޑައިރެކްޓަރ ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ރިޒާ ވިދާޅުވި ގޮތުގައި މިއަދު ކިޔަވައިދޭން ފެށުނު ކޯސް ކުރިއަށް އޮތް މުސްތަގުބަލުގައި ކިޔވައިދޭނީ ސީދާ އައިކޯސްޓުން ނެވެ.  އަދި މިއަދު ފެށުނު ކޯހުގެ އިތުރަށް ކޮމްޕިއުޓަރ ތިން ކޯހެއް އެމްކިއުއޭއިން ފާސްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.