ގައިދީންނަށް ހިންގާ ގާރީލެވެލްގެ ދެ ކޯސް މިއަދު މާފުށީ ޖަލުގައި ފަށައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤްރުއާން އެންޑް ސުންނަ އާއި ގުޅިގެން ހިންގާ ގާރީ ލެވެލްގެ ދެ ކޯސް މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

ކޯސް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ ސީޕީއޯ އަޙްމަދު ރިޒާ ވިދާޅުވީ ހުރިހާ ޤައިދީންވެސް ކޯސް ފުރިހަމަކޮށް ކޯހުން ފާސްވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭންވީ ބަރާބަރަށް ކްލާސްތަކަށް ނުކުމެ ކުލާސްތަކުގައި ބައިވެރިވުމަށް ކަމަށެވެ. އަދި އައިކޯސްޓުގެ ފަރާތުން ޖުލައި މަހުގެ ކުރިން އަންހެން ޖަލުގެ ޤައިދީންނަށް ހާއްސަކޮށްގެން ފަހާ ކޯހަކާއި ޕޭސްޓްރީ ކޯހެއް ފެށުމަށް ދަނީ ތައްޔާރުވަމުން ކަމަށާއި އެގްރިކަލްޗަރ ކޯހެއް ފެށުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށް ވިދާޅުވިއެވެ.

މިއަދު ފަށާފައިވަނީ ހަތަރު މަސްދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ގާރީ ލެވެލް ދޭއްގެ ކޯހަކާއި ހަތްމަސްދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ގާރީ ލެވެލް ތިނެއްގެ ކޯހެކެވެ. މި ދެކޯހުގައި ފިރިހެން 26 ގައިދީންނާއި، އަންހެން 25 ގައިދީންނާއެކު ޖުމްލަ 51 ގައިދީން ވަނީ ބައިވެރިވެފައެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި އައިކޯސްޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ ސީ.ޕީ.އޯ އަޙުމަދު ރިޒާ އާއި މާފުށީ ޖަލުގެ ފީމޭލް އިންމޭޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓްގެ ހެޑް ސީ.ޕީ.އޯ ޢާއިޝަތު ރިއުޒާގެ އިތުރުން އައިކޯސްޓްގެ މުދައްރިބުންވަނީ ބައިވެރިވެފައެވެ.