މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އައި.ޓީ ހެލްޕް ޑެސްކް އިފްތިތާހްކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގައި “އައި.ޓީ ހެލްޕް ޑެސްކް” އިފްތިތާޙް ކޮށްފިއެވެ.

ހެލްޕް ޑެސްކް ޤާއިމް ކުރުމުގެ ބޭނުމަކީ އިތުބާރާއި، ޔަގީންކަމާއި، ފަސޭހަކަމާއިއެކު ޒަމާނީ ޚިދުމަތެއް އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތް ތަކުގެ ތެރެއިން ކުރެވުނު މަސައްކަތެއްކަމަށް އައިޓީ ސެކްޝަނުން މަޢުލޫމާތު ދެއްވައެވެ. އަދި މިޚިދުމަތުގެ ސަބަބުން ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ފަސޭހައިން ދެނެގަނެވި، ޚިދުމަތް ހޯއްދަވަން އަންނަ ފަރާތްތަކަށް ވީ އެންމެ އަވަހަށް ޚިދުމަތް ފޯރުކޮށް ދެވިގެން ދާނެކަމަށްވެސް އައިޓީ ސެކްޝަނުން މައުލޫމާތު ދެއްވައެވެ.

އަދި މައްސަލަ ދިމާވާ “ލޮކޭޝަން” ފަސޭހައިން ދެނެގަނެވި، އެ ”ލޮކޭޝަން” އަށް އަވަސް ކަމާއެކު ޚިދުމަތް ދެވިގެންދާނެ ކަމަށްވެސް އައި.ޓީ ސެކްޝަނުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އަދި ކަރެކްޝަން ސަރވިސްގެ ކޮމްޕިއުޓަރުތަކުން ކުރާބޭނުންތައް ދެނެގަނެ އަދި ފަސޭހައިން މައްސަލަތައް ހައްލުވެގެންދާނެކަމަށްވެސް މަޢުލޫމާތު ދެއްވައެވެ. އަދި ކުރިއަށްއޮތްތާންގައި ތަނުގެ ނެޓްވޯކް ވިއުގަ އިތުރަށް ފުޅާކޮށް މިހާރަށްވުރެން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށްވެސް އައިޓީ ސެކްޝަނުން މައުލޫމާތު ދެއްވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތް ދުވަހުން ދުވަހަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު ބުރަމަސައްކަތުގެ ސަބަބުން މި މުއައްސަސާ އަކީވެސް އާންމުންގެ އިތުބާރު މުއައްސަސާއާއި ދޭތެރޭގައި ރަނގަޅުވެގެން ދިޔަ އަހަރެއްކަމުގައި ވަނީ ފާހަގަ ކުރެވިފައެވެ.