އައިކޯސްޓް ކޮލެޖްލެވެލް އަށް ބަދަލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން އާއިއެކު މަޝްވަރާކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ކޮލެޖްލެވެލް އަށް ބަދަލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން އާއި އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އައިކޯސްޓް، ކޮލެޖަކަށް ބަދަލުކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކާއި އަދި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުން ޖަލުގައި ތިބެގެން ކޯސް ތަކުގައި ކިޔެވުމަށްޓަކައި ޖަލުތަކުގައި ކެމްޕަސްތަކެއް ގާއިމްކުރުމާބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި މިކަން ކުރުމަށްޓަކައި އިތުރަށް ކުރަންހުރި ކަންކަމާއި، އެކަންކަން ކުރެވޭނެ އެންމެ ލުއިފަސޭހަ ގޮތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލު ކުރެއްވުމުގައި މަޝްވަރާކުރެވުނެވެ.

މިހާރު މޮބައިލްކޮށް ޖަލުތަކުގައި ކޯސް ހިންގުމުގެ ހުއްދަ އޮތްކަމުގައި ވީނަމަވެސް، ކުރިއަށް އޮތް ތާންގައި އެންމެ ރަނގަޅު ގޮތަކީ ކެމްޕަސްގެ ގޮތުގައި ހިންގުން ކަމަށް ހަޔަރ އެޑިއުކޭޝަނުންވަނީ ވިދާޅުވެފައެވެ. އެހެންކަމުން އައިކޯސްޓްގެ ކެމްޕަސްތައް ޖަލުތަކުގައި ރަޖިސްޓްރީކުރުމާއި ގުޅޭގޮތުން ވަނީ ހަޔަރ އެޑިއުކޭޝަނާއި އެކު އެއްބަސްވުމަކަށް އާދެވިފައެވެ.

މިބައްދަލުވުމުގައި އައިކޯސްޓްގެ އެގްޒެކްޓިވް ޑައިރެކްޓަރ، ސީ.ޕީ.އޯ އަހުމަދު ރިޒާ ގެ އިތުރުން އެސް.ޕީ.އޯ އަޙުމަދު ފާރިޝް އަލީ އާއި އެފް.ސީ.ޕީ.އޯ މުޙައްމަދު ނިޝްވާން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ޕްލޭނިން ޑިޕާޓްމަންޓްގެ ޑައިރެކްޓަރ، އާއި ރެޖިސްޓްރޭޝަން ޑިޕާޓްމަންޓްގެ ބޭފުޅެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިހާރުވެސް އައިކޯސްޓްގެ ފަރާތުން ޤައިދީންނަށް ފަހާކޯސް ލެވެލް 1 އަދި ޤާރީކޯސް ލެވެލް 1،  2 އަދި 3  ދަނީ ހިންގަމުންނެވެ. އަދި މީގެއިތުރުން ކުރިއަށްއޮތް ހަފުތާގެ ތެރޭގައި އެގްރިކަލްޗަރ ކޯސް ލެވެލް 1 ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.