މާފުށީ ޖަލުގައި އަލަށް ހަދަމުންދާ ވޯކްޝޮޕްގެ މަސައްކަތް ޑެޕިއުޓީ ކޮމިޝަނަރ ބައްލަވާލައްވައިފި

މާފުށީ ޖަލުގައި ގައިދީން މަސައްކަތް ކުރުމަށާއި އަލަށް މަސައްކަތް ދަސްކޮށްދިނުމަށް ހަދަމުން ގެންދާ ވޯކްޝޮޕްގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އިއްޔެ ބައްލަވާ ލައްވައިފިއެވެ.

މި ވޯކްޝޮޕް އިމާރާތަކީ އެއްފަހަރާ 150 ގައިދީންނަށް މަސައްކަތް ކުރެވޭ ގޮތަށް ފަރުމާ ކުރެވިގެން ހަދަމުންގެންދާ ވޯކްޝޮޕެއް ކަމަށާއި މިތަނުގައި ޒަމާނީ މެޝިނަރީތައް ބޭނުންކޮށްގެން ގައިދީންލައްވާ ތަފާތު މަސައްކަތް ކުރުވާގޮތަށް ހަމަޖެހިފައިވާކަމަށް ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މިތަނުގައި މަސައްކަތްތައް ފެށުމުން ގައިދީންގެ މަސައްކަތް ތަކަށް ވަރަށް ބޮޑު ކުރިއެރުމެއްލިބިގެން ދާނެކަމަށާއި މަސައްކަތްތައް ހަލުވި ވެގެންދާނެކަމަށްވެސް ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވިއެވެ.

މިތަނުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ތަކުގެ ތެރޭގައި ލަކުޑިން އެކި ތަކެތި ހަދަން ދަސްކޮށްދޭ ތަނަކާއި، ފަހާ ތަނަކާއި، ކުރަހާ ތަނަކާއި، އަތްތެރި މަސައްކަތް ކުރާ ތަނަކާއި، ވެލްޑިންގ މަސައްކަތް ކުރާ ތަނެއްގެ އިތުރުން ދަގަނޑުގެ އެކިއެކި މަސައްކަތް ކުރާ ތަނަކާއި، ލޯންޑްރީއެއް ހުންނާނެ ކަމަށް އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

ގައިދީންނަށް މަސައްކަތް ދަސްކޮށްދިނުމަށްޓަކައި އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި ގުޅިގެން މިހާރުވެސް ތަފާތު ކޯސްތައް ގެންދަނީ ހިންގަމުންނެވެ