ޤައިދީން މުޖުތަމަޢުއަށް އަހުލުވެރި ކުރުމުގެ ގޮތުން، 17 ފެބްރުއަރީ 2016 ގައި ފެށުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމްތައް ޢާންމުކޮށްފި

ގައިދީން މުޖުތަމަޢުއަށް އަހުލުވެރި ކުރުވުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން 17 ފެބްރުއަރީގައި ފެށުމަށް ހަމަޖައްސާފައިވާ އެކިއެކި ޓްރެއިނިންގ ޕްރޮގްރާމްތައް އާންމުކޮށްފިއެވެ.

މިޕްރޮގްރާމްތަކަކީ ޤާނޫނު ނަންބަރު:2013/14 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ 12 ވަނަ ބާބުގައި ޤައިދީން މުޖުތަމަޢުއަށް އަހުލުވެރިކޮށް، ކުށްކުރުމުން ދުރުހެލިކޮށް، އަނބުރާ މުޖުތަމަޢުއަށާއި އާއިލާއަށް ބޭނުންތެރި މީހެއްގެ ގޮތުގައި ދެމިހުރުމަށް މަގުފަހި ކޮށްދިނުމަށް ޕްރޮގްރާމްތަކެއް ހިންގުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކޮށްފައިވާތީ ހިންގޭ ޕްރޮގްރާމްތަކެކެވެ. މިޕްރޮގްރާމްގައި އެކުލެވޭނީ ރީއިންޓަރގްރޭޝަން އަދި ލައިފްސްކިލްގެ ބައިތަކެވެ. މިޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 04 މަސް ދުވަހުގެ މުއްދަތަށެވެ.

ޕްރޮގްރާމްސް ޑިޕާޓްމަންޓުން ހާމަކުރެއްވި ގޮތުގައި މިޕްރޮގްރާމްތަކުގެ މައިގަނޑު މަޤްސަދަކީ ގައިދީންގެ ކިބައިގައި ރަނގަޅު އަހުލާގާއި، ރަނގަޅު ހުނަރުތަކެއް އަށަގެންނެވުމާއެކު، އެމީހުންގެ ވިސްނުމާއި ފިކުރު ކުރާގޮތަށް ބަދަލުތަކެއް ގެނައުމާއި އެމީހުން މުޖުތަމަޢަށް ނިކުތުމަށްފަހު އުޅުމާއި އަޚުލާޤަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި އެމީހެއްގެ ދިރިއުޅުން ބައްޓަން ކުރުމާއި މުސްތަޤްބަލުގައި ކުރަންރާވާފައިވާ ކަންތައްތައް ފާހަގަކުރުމާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ދެނެގަތުމާއި އެކަމަށް ޕްލޭންކުރުމަށް ދަސްކޮށްދިނުމަކީވެސް މި ޓްރެއިނިންގ ތަކުގެ ތެރެއިން ދަސްކޮށްދޭނެ ކަންތައްތައް ކަންވެސް ހާމަ ކުރެއްވިއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެވޭނެ ބައިތަކުގެ ތެރޭގައި މުއާމަލާތް ކުރާނެ ގޮތާއި، އަމިއްލަ ނަފްސާމެދު ދެކޭގޮތާއި، “ސޯޝަލް ރިލޭޝަންޝިޕްސް” އާއި، ވިސްނުން ގެންގުޅޭނެ ގޮތްތަކާއި، ވިސްނުން ބަދަލު ކުރެވޭނެ ގޮތްތަކާއި، “ޑިޒިޝަން މޭކް” ކުރާނެ ގޮތާއި، “ސެލްފް އެސްޓީމް” އާއި “އެންގަރ މެނޭޖްމަންޓް” އާއި “ހައު އަވަރ ތޯޓްސް ކޮންޓްރޯލް އަވަރ ބިހޭވިއަރ”، “ޑްރަގް އެވެއަރނަސް”، “ހެލްތު އެވެއަރނަސް” ކްލާސްތަކާއި “ޑޮމެސްޓިކް ވަޔަލަންސް އެންޑް އެބިއުޒް” ކްލާސްތަކާއި “ކެރިއަރ ގައިޑެންސް” ކްލާސްތަކުގެ އިތުރުން 23 ޓޮޕިކެއް ކިޔަވައިދިނުމަށް ހަމަޖައްސާފައިވާކަމަށްވެސް ޕްރޮގްރާމްސް ޑިޕާޓްމަންޓުން މައުލޫމާތު ދެއްވައެވެ.

އަދި މިޕްރޮގްރާމް ފުރިހަމަ ކުރުމުން މީހާގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިސް ކަންކަމުގައި ގޮތްނިންމަން ފަސޭހަވެ، އަދި ރަގަޅު ގޮތް ނިންމުމަށް މަގުފަހިވެގެންދާނެކަމަށާއި އަދި މީހާގެ ދިރިއުޅުމާއި މުސްތަޤްބަލް ބައްޓަން ކުރާނެ އެންމެ ރަނގަޅު ގޮތް އެމީހަކަށް އެނގިގެން ދިއުމާއެކު، އާއިލާއާއި ގުޅުން ރަގަޅުކޮށް މުއާމަލާތްކުރުމުގެ ހުނަރުތަކާއި އުކުޅުތައް ދަސްވެގެން ދާނެކަމަށް މައުލޫމާތު ދެއްވައެވެ. އަދި ދިމާވާ އެކިއެކި މައްސަލަތަށް ޙައްލުކުރާނެ އެންމެ ރަގަޅު ގޮތް ދަސްވެގެން ދިއުމާއެކު ކުށުގެ ވެށިން މީހާ ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން އަމިއްލައަށް ދެނެގަނެ އަދި އެކަންކަން ކުރެވިދާނެ ގޮތްތައް ރޭވުމަށް ދަސްވެގެންދާނެ ކަމަށާއި މުޖުތަމަޢުއަށް ތިމާ ބަލައިގަންނާނީ ތިމާގެ ކިބައިގައި ކޮންކޮން ސިފަތަކެއް ހުރެގެން ކަން އެނގި ތިމާއަކީ ވެސް މުޖުތަމަޢު ބަލައި ގަންނަފަދަ މީހަކަށް ވެދާނެކަން އަމިއްލަ ނަފްސަށް ޤަބޫލު ކުރެވިގެން ދާނެކަން އެނގިގެން ދާނެކަމަށާއި އެހެން މީހުންނާއެކު މަސައްކަތް ކުރަން ދަސްވުމާއި އަނބުރާ ކުށަށް އަރައިނުގަތުމަށް ތިމާއަށް ކުރެވިދާނެ ކަންކަން އެނގި އެކަންކަން ކުރާނެ އެންމެ ރަނގަޅުގޮތް މި ޕްރޮގްރާމްގެ ތެރެއިން ދަސްވެގެން ދާނެކަމަށް މައުލޫމަތު ދެއްވިއެވެ.

މިޕްރޮގްރާމް މާފުށީ ޖަލާއި އައްސޭރި ޖަލުގައި ފެށުމަށް ހަމަޖައްސާފައިވަނީ 17 ފެބްރުއަރީ 2016 ވާ ބުދަ ދުވަހު އެވެ. އަދި މި ޕްރޮގްރާމުގައި ޖުމްލަ 126 ޤައިދީން ބައިވެރިވުމަށް ހަމަޖައްސާފައިވާކަމަށާއި، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ  04 ބެޗަކަށް ބަހާލެވިގެން ކަމަށްވެސް ޕްރޮގްރާމްސް ޑިޕާޓްމަންޓުން މައުލޫމާތު ދެއްވައެވެ. އަދި މިހާރު  ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ 04 ބެޗް ނިމުމާއެކު އިތުރު ޤައިދީންނަށް މިޕްރޮގްރާމް މިއަހަރު ތެރޭގައި ހިންގުމަށް ހަމަޖައްސާފައިވާކަމަށާއި، މިޕްރޮގްރާމުގެ ބައިތައް ކިޔަވައި ދިނުމަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފެސިލިޓޭޓަރުންނާއި، ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތްތަކާއި އަދި ޔޫތް ސެންޓަރުގެ ފެސިލިޓޭޓަރުންނެވެ.