އައިކޯސްޓްގެ ފަރާތުން ފެސިލިޓޭޓަރ ޓްރެއިނިންގ ޕްރޮގްރާމްއެއް ފަށައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ފެސިލިޓޭޓަރ ޓްރެއިނިންގ ޕްރޮގްރާމްގެ ނަމުގައި މިއަދު ޓްރެއިނިންގ އެއްފަށައިފިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަކީ މިހާރު ޖަލުތަކުގައި ތިބި އޮފިސަރުންނަށް ސެޓްފިކެޓް ލެވެލް އެކެއް އަދި ސެޓްފިކެޓް ލެވެލް ދޭއް ހިންގުމަށް ބޭނުންވާ ފެސިލިޓޭޓަރުން ތަމްރީނު ކުރުމަށް 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި މާފުށީ ޖަލުގެ ހަ އޮފިސަރުންނާއި، މާލޭ ޖަލުގެ އޮފިސަރަކާއި، ހެޑް އޮފީހުގެ ދެ އޮފިސަރުންގެ އިތުރުން އައްސޭރި ޖަލުގެ އޮފިސަރަކާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އޮފިސަރަކާއިއެކު ޖުމްލަ 11 އޮފިސަރުން ބައިވެރި ވެފައިވެއެވެ.

މި ޓްރެއިނިންގ ފައްޓަވައި ދެއްވަމުން އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ އަހްމަދު ރިޒާ ވިދާޅުވީ މި ޓްރެއިނިންގ ފުރިހަމަކުރާ އޮފިސަރުންގެ ޒިންމާއަކީ އައިކޯސްޓް އާއި ގުޅިގެން ޖަލުތަކުގެ އޮފިސަރުންނަށް ކޯސްތައް ހިންގައި ދިނުން ކަމަށެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 7 މާއްދާ ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ހަދާނެ ގޮތްތަކާއި ކްލާސްތައް ކުރިއަށް ގެންދާނެ ހުނަރުތަކާއި ލެސަންޕްލޭން ހަދާނެ ގޮތް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުޓް ޑްރިލް ކްލާސްތައްވެސް މި ޓްރެއިނިންގ ޕްރޮގްރާމްގައި ހިމަނާފައިވާކަމަށްވެސް އައިކޯސްޓް އިން މަޢުލޫމާތު ދެއްވައެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އައިކޯސްޓްގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.