ޤައިދީންގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުން މާލެޖަލުގައި ފަށައިފި

ޤައިދީންގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުން މިއަދު މާލޭ ޖަލުގައި ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ޖަލުގައި ތިބޭ ޤައިދީންގެ ނަފުސާނީ ދުޅަހެޔޮކަން ދެނެގަތުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިޕޮރޮގްރާމްގެ ތެރެއިން ޤައިދީންގެ ނަފުސާނީ ދުޅަހެޔޮކަން ދެނެގަނެ، މިއެސަސްމެންޓް ރިޕޯޓް ޕެރޯލް ބޯޑާއި، ކްލެމެންސީ ބޯޑަށްވެސް ފޮނުވޭނެއެވެ. އަދި މިއެސްސްމެންޓް ހެދުމުން ޤައިދީއަކީ ޖަލުގައި ބެހެއްޓޭފަދަ ނަފުސާނީ ގޮތުން ދުޅަހެޔޮ ޤައިދީއެއްކަން ދެނެގަނެވި އެޤައިދީންނަށް ބޭނުންވާ ފަރުވާ ދިނުމުގައިވެސް ފަސޭހަވެގެން ދާނެއެވެ.

ޤައިދީންގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުން މިއަދު މާލެޖަލުގައި ފައްޓަވައި ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއެވެ. ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުން ފައްޓަވައި ދެއްވުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ދެއްކެވި ވާހަކަފުޅުގައި މިއަދު މިފެށުނީ ވަރަށް މުޙިއްމު ކަމެއްކަމަށާއި، މިކަމުގެ ސަބަބުން ޤައިދީންގެ ނަފްސާނީ ޙާލަތު ދެނެގަނެވި މައްސަލަތައް ހައްލުކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސައޮކޮލޮޖިކަލް ސަރވިސް، ޓްރޭނިންގް އެންޑް ރިސަރޗް (މިކްސްޓަރ) ގެ ބޭފުޅުންނަށް ދެންނެވި ދެންނެވުން ޤަބޫލުފުޅުކުރައްވައި، މިކަމަށް އިޖާބަ ދެއްވިކަމަށްޓަކައި މިކްސްޓަރގެ ފައުންޑަރ އަދި ސީ.އީ.އޯ ކޮންސަލްޓެންޓް  ކްލިނިކަލް ސައިކޮލޮޖިކަލް ޑރ އައިޝަތު އަލީ ނާޒް އަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަދު ފެށިގެން މިދިޔަ ޕްރޮގްރާމްގެ ތެރެއިން ޕެރޯލް ބޯޑާއި، ކްލެމެންސީ ބޯޑުގެ ބޭނުމަށް ސައިކޮލޮޖިކަލް އެސެސްމެންޓް ހަދަންޖެހޭ ޤައިދީންގެ އެސެސްމެންޓް ބަރާބަރަށް ހެދެމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

111-620x413

މިބައްދަލުވުމުގައި މާލެ ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް  އޮފް ޕްރިޒަންސް މޫސާ އަންވަރު ދެއްކެވި ވާހަކަފުޅުގައި މިމަސައްކަތް ކުރިއަށް ގެންދާނީ މާލެޖަލުގައި ކަމަށާއި، މިކަމަށް ބޭނުންވާ ހުރިހާ އިންތިމާޒް ތަކާއި، އަދި މިކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ ސެކިއުރިޓީ ކަންތައް ހަމަޖެހިފައިވާނެ ކަމަށް ވިދާޅުވިއެވެ.

އަދި މިބައްދަލުވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސައޮކޮލޮޖިކަލް ސަރވިސް، ޓްރޭނިންގް އެންޑް ރިސަރޗް (މިކްސްޓަރ) ގެ ފައުންޑަރ އަދި ސީ.އީ.އޯ ކޮންސަލްޓެންޓް  ކްލިނިކަލް ސައިކޮލޮޖިކަލް ޑރ އައިޝަތު އަލީ ނާޒް ދެއްކެވި ވާހަކަފުޅުގައި މިކަމަކީ މިދިޔަ އަހަރުން ފެށިގެން ކުރުމަށް ރާވާފައިވާ ކަމެއް ކަމަށާއި، ނަމަވެސް ތަފާތު ސަބަބު ތަކާހުރެ ލަސްވެގެން ދިޔައީކަން ފާހަގަ ކުރެއްވިއެވެ. އަދި މިކަމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށާއި، ޤައިދީންގެ ސައިކޮލޮޖިކަލް އެސަސްމެންޓް ނެގުމުގެ މަސައްކަތް އެމް.ސީ.އެސް އިން އިސްނަންގަވައިގެން ފެެއްޓެވިކަމީ ވަރަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި މިކްސްޓަރ ގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.