އެމް.ސީ.އެސް އިން ހިންގާ ބައެއް ކޯސްތަކަށް އެޗް.އާރ.ސީ.އެމް ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގޮތުން މަޝްވަރާކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)އިން ކުރިއަށް ގެންދާ ބައެއް ކޯސްތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމާބެހޭގޮތުން އިއްޔެ މަޝްވަރާކޮށްފިއެވެ.

އެޗްއާރްސީއެމްގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އައިކޯސްޓްގެ ޑިޕްލޮމާ ކޯސްތަކަށް އެޗް.އާރް.ސީ.އެމް އިން ބައެއް މޮޑިއުލްތައް ތައްޔާރު ކުރުމާބެހޭގޮތުންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި ބައްދަލުވުމުގައި ޑެޕިއުޓީ ސުޕަރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދާއި، އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީޕް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޒާ ގެ އިތުރުން އައިކޯސްޓްގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ. އަދި އެޗް.އާރް.ސީ.އެމްގެ ފަރާތުން ބައިވެރިވެލެއްވީ އެޑްވޮކަސީ ޑިރެކްޓަރ އާއިޝަތު ފަސޯހާއާއި، ސީނިއަރ އެޑިއުކޭޝަން އޮފިސަރ އާއިޝަތު ޝިފާނާގެ އިތުރުން އެޑިއުކޭޝަން އޮފިސަރ ޚަދީޖާ ލިމްޔާއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ޕްރިޒަންސް އޮފިސަރުންނަށް އަމާޒުކޮށްގެން ތަފާތު ކޯސްތަކެއް މިއަހަރު ތެރޭގައިވެސް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އަދި މީގެ އިތުރުން ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ގެންދަނީ ތަފާތު ދާއިރާތަކުން ކޯސްތައް ހިންގަމުންނެވެ.