އީ.އެސް.ޖީ އާއި އެސް.އޯ ފުލުހުން ގުޅިގެން ކޮމްބައިން ރިފްރެޝަރ ޓްރެއިނިންގް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެމަޖެންސީ ސަޕޯޓް ގްރޫޕް (އީ.އެސް.ޖީ) އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެސް.އޯ ފުލުހުން ގުޅިގެން ކޮމްބައިން ރިފްރެޝަރ ޓްރެއިނިންގް ޕްރޮގްރާމެއް މާފުށި ޖަލުގައި ކުރިއަށް ގެންގޮސްފިއެވެ.

މާފުށީޖަލުގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގް ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެވުނީ ރެސްޓްރެއިން ޓެކްނިކްތަކާއި، ސެލްފް ޑިފެންސްގެ ބައިތަކާއި، ބިޑި އަދި މުގުރު ބޭނުންކުރުމުގެ ހުނަރުތަކެވެ. އަދި މީގެ އިތުރުން އެމަޖެންސީ ސަޕޯރޓް ގްރޫޕްގައި މަސައްކަތްކުރާ މުދައްރިބުންނަށް ހާއްސަކޮށްގެން، ކިޔަވައިދިނުމުގެ ހުނަރުތަކާއި، ޑިސިޕްލިންގް ކްލާސްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

މިޓްރެއިނިންގް ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމަޖެންސީ ސަޕޯޓް ގްރޫޕްގެ ކޮމާންޑިން އޮފިސަރ، ސީ.ޕީ.އޯ އަބުދުލް ޣަނީ ވިދާޅުވީ މިޓްރެއިނިންގް ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި ޓްރެއިނިންގް ޕްރޮގްރާމެއް ކަމަށާއި، މިފަދަ ޓްރެއިނިންގް ޕްރޮގްރާމް ތަކުގެ ސަބަބުން ޖަލުތަކުގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރުކޮށް، ޖަލުތައް އަމާންކަމާއެކު ބޭއްވުމަށް ކުރަމުންގެންދާ މަސައްކަތަށް ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށްވެސް މިފަދަ ޓްރެއިނިންގް ޕްރޮގްރާމްތައް ރޭވިފައިވާކަމަށް ވެސް ސީ.ޕީ.އޯ އަބްދުލް ޣަނީ ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް މާފުށިޖަލުގައި ކުރިއަށް ގެންދިޔަ މިޓްރެއިނިންގް ޕްރޮގްރާމްގައި އީ.އެސް.ޖީ ގެ 52 އޮފިސަރުންނާއި، އެސް،އޯ ފުލުހުންގެ 8 ބޭފުޅުން ބައިވެރިވިއެވެ.